ވެށިފަހިން ގޯތި ނުލިބޭ ފަރާތްތައް ލިޔެކިޔުންތައް ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައި އޮތް ތަންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.

ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ މީހުންނަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެފަދަ މީހުންގެ ލިޔެކިޔުންތައް މިއަދުގެ ނިޔަލަށް ހުށަހަޅަން އޮތީ އަންގައިފައެވެ.

ނަމަވެސް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނަކުން، ލިޔެކިޔުން ހުށަހަޅަން ދިން ތާރީހު މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް ވަނީ އިތުރުކޮށްފައެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ނެރުނު އިއުލާންގެ ދަށުން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމަށް ސަރުކާރުން ލިޔުން ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ހަމަނުޖެހޭ ފަރާތްތަކުން އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް އިއުލާންކޮށްފައި ވެއެވެ.

ނަމަވެސް، ކޮވިޑް19 ފެތުރެން ފެށުމުން ސަރުކާރުގެ އޮފީސްތައް މިދިޔަ މާޗްމަހުގެ 19 ވަނަ ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން އެ މިނިސްޓްރީން މާޗް މަހުގެ 24 ވަނަ ދުވަހު ވަނީ ލިޔެ ކިއުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ މުއްދަތު އިއުލާން ކޮށްފައެވެ. އެ އިއުލާންގައި ބުނެފައި ވަނީ ސަރުކާރު ހުޅުވާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހުށަހެޅުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!