މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުން އެމްއެމްސީއަށް އަންގައިފި

މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު “މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން” ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވަލަން މަޖިލީހުން މީޑިއާ ކައުންސިލަށް އަންގައިފިއެވެ.

މަޖިލީހުން މީޑިއާ ކައުންސިލްގެ މައްޗަށް މިފަދައިން އަމުރެއް ކޮށްފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު މަޖިލީހުގެ އަމީންއާންމު، ފާތިމަތު ނިއުޝާ ސޮއިކުރައްވައި، މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲއަށް ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ހިއްސާކޮށްފައިިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ތަފާތު ގޮތްގޮތަށް “އެކިއެކި މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމުގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފުރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާހަގަ ކުރާ” ކަމަށެވެ.

އެހެންކަމުން މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާމެދު ގާނޫނުގައި ވާގޮތަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުކަވާލައި މިމަހު އަށެއް ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މަޖިލީހަށް ފޮނުވައި ދިނުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދޭ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

މަޖިލީހުން މީޑިއާ ކައުންސިލަށް މިފަދަ އަމުރެއް ކޮށްފައި ވާއިރު، މީޑިއާ ކައުންސިލަކީ ގާނޫނުގެ ދަށުން އެއްވެސް މީޑިއާއެއް ޖޫރިމަނާ ކުރުމުގެ ބާރު އޮންނަ ބައެއް ނޫނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!