އދ. އާއެކު 28 މިލިއަން ރުފިޔާގެ ދެ މަޝްރޫއެއްގައި ސަރުކާރުން ސޮއިކޮށްފި

ދެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި، ރާއްޖޭގައި ހުންނަ އދ. ގެ އޮފީހާއެކު މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވޯލް އެވެ. މި ދެ ޕްރޮޖެކްޓަކީ 28.3 މިލިއަން ރުފިޔާގެ ދެ ޕްރޮޖެކްޓެވެ.

މީގެ ތެރެއިން މޫސުމީ ބަދަލުތަކާއި އިޖްތިމާއީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓަކީ ޖޮއިންޓް އެސްޑީޖީ ފަންޑުން ހަރަދުކުރާ ޕްރޮޖެކްޓެކެވެ. އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވޯކް އެއް އޮޕަރޭޝަނަލައިޒް ކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި އދ.ގެ އެޖެންސީތަކާ އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ހަރުވާނެއެވެ.

މިއަދު ސޮއިކޮށްފައިވާ ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނާ ޓްރަސްޓް ފަންޑުން ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!