ފޮޓޯ: މިހާރު

އަންހެނުންނަށް ގޮނޑި ހާއްސަކުރުން އުވާލުމުގެ މައްސަލަ ހައިކޯޓަށް ބަލައިގެންފި

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރުއެވެ. އޭނާ މި މައްސަލަ އެންމެ ފުރަތަމަ ހުށައެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތީ ޤާނޫނެއް ނުވަތަ ޤާނޫނުން ބައެއް ބާތިލް ޤާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ބުނެ ހުށައަޅާ މައްސަލައެއްގެ ފުރަތަމަ މަރުހަލާގައި ހުށައަޅަން ޖެހޭނީ ހައިކޯޓަށް ކަމަށްވާތީ ކަމަށް ވިދާޅުވެއެވެ.

މިމައްސަލައިގަ ބުނެފައިވަނީ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ޤާނޫނު އަސާސީން ކޮންމެ ޖިންސެއްގެ މީހަކަށްވެސް ލިބިދީފައިވަނިކޮށް ބައެއް ދާއިރާތަކުގެ ގޮނޑިތަކަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ގޮތައް ޤާނޫނަށް އިސްލާހެއް ގެނެސްގެން ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއްކަމަށެވެ.

ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ނިންމުމާ ގުޅިގެން ގިނަ މީހުންގެ ކަންބޮޑުވުންތައް އޮތީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލަށެވެ. އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅަނީ ގުރުއަތު ލުމަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!