ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމައިފި

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ ބައްދަލުވުމުން މިހާރު ނިންމާފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ 15 ވަނަ ދުވަހު އެވެ.

އެކަމަކު ކުންފުނިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުންދާތާ ދުވަސްތަކެއްވެ އެ ކުންފުނީގެ ބޭނުމާ މެދު ސުވާލު އުފެދިފައި އޮތުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ އިއްޔެ އެ މައްސަލަ އޮޅުން ފިލުވުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި ކުންފުނި އުވާލަން މިހާރު ސަރުކާރުގެ ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށާއި، ކުންފުންޏަށް މިހާތަނަށް ލިބުނު ހަމައެކަނި ފައިދާއާއި، ލިބުނު ޕްރޮޖެކްޓަކީ މިނިސްޓްރީން އެކުންފުންޏަށް ދިން ޕްރޮޖެކްޓްތައް އެކަނި ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!