އަލީ ވަހީދަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރުމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.
މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމައެކަނި އިސްތިއުފާ ދެއްވުމަށް އެންގުމަކުން ނުވާނެ ކަމަށާއި ޖެހޭނީ މަގާމުން ވަކި ކުރަން ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރޭ ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.