ފޮޓޯ: ރާއްޖެއެމްވީ

5 މިލިއަން ޑޮލަރު ލިބުނު، ބަލާ ދިޔައީ އަދީބާއި ޝައިނީ: ރައީސް ޔާމީން

ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާ ބަލައި ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށުގައި ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވެ، 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ރުފިޔާއިން ރައީސް ޔާމީން ޖޫރިމަނާ ކުރި މައްސަލަ، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފު ކޮށްފައިވާ މައްސަލާގައި ބުދަ ދުވަހު ބޭއްވި އަޑުއެހުުގައި، ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގެންނެވުމުން، އެ ފުރުސަތު ފަނޑިޔާރު ދެއްވުމުން، ރައީސް ޔާމީން ވިދާޅުވީ، އަދީބު އަތުގައި އެމަނިކުފާނަށް ސިޔާސީ ގޮތުން ލިބިލެއްވި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށެވެ.

އެގޮތުން، ފަސް މިލިއަން ޑޮލަރު އަދީބު އަތުގައި ހުންނާނެ ކަމަށާއި، އެ ފައިސާ ބަލާ ދިޔައީ، އަދީބާއި ޝައިނީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ 5 މިލިއަން ޑޮލަރު ލިބިލެއްވި ގޮތެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ.

ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނެއް ފާސްކޮށް، ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލަން ނިންމި، ނިންމުގެ އެޑްވާންސް ފައިސާ ކަމަށް ބުނާ 15 މިލިއަން ޑޮލަރު ދިންކަމާއި، އެ ފައިސާ ބަލާ ވަޑައިގެންނެވީ، އަދީބާއި ޝައިނީ ކަމަށް އޭރު އެވާހަކަތައް ދެކެވިފައިވެއެވެ. މިކަމެއް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ހަމައަށް އެ ފައިސާ ހުރީ އަދީބުގެ އަތުގައި ކަމަށާއި، އަދީބަށް ގުޅުއްވީ އެ ފައިސާ ހޯއްދަވަން ކަމަށެވެ. އަދި ދައުލަތުގެ ފައިސާއެއް ހޯއްދަވަން އަދީބަށް ގުޅުއްވާފައި ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ގއ. ވޮޑުމުލާ ކިޔާ ރަށެއް އޮންނަކަން އެނގުނީވެސް، މަނީ ލޯންޑަރިންގެ މި ޝަރީއަތުން ކަމަށާއި، އޭގެ ކުރިން އެއީ އޮންނަ ރަށެއްކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނާއި ވޮޑުމުލާއާ ގުޅުވަނީ އެއްވެސް އަސާސެއް އޮވެގެން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގއ. ވޮޑުމުލާ އަކީ އަދީބުގެ ވަރަށް ގާތް ބަޔަކަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ލިބުނު އެއް މިލިއަން ޑޮލަރު އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާވުމުގެ ކުރިން ވެސް އެކުންފުނީގެ އެކައުންޓްގައި ނުވަ ލައްކައަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ. އެހެންކަމުން، އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ވޮޑަމުލާގެ އެއް މިލިއަން ޑޮލަރު ކަމަށް ބުނެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށާއި އަދި އެކަމުގައި ދައުލަތަށް އެއްވެސް ހެއްކެއް ދެއްކިފައި ވެސް ނުވާ ކަމަށެވެ.

އޮޑިޓް އޮފީހުގައިވާ، ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރަކީ އަދީބު ދިން ކަމަށް ބުނާ ފައިސާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!