މީ ޗޮކްލެޓް ކާން މޮޔަވެފަ ތިބި ތަރިންނޯ!

ބޮލީވުޑުގެ ގިނަ ތަރިންނަކީ އެމީހުންގެ ހަށިގަނޑުގެ ބައްޓަށް ރީތިކޮށް ބެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއްކުރާ ބައެކެވެ. ޑައެޓުކުރުމާއި ކަސްރަތު ކުރުމަކީ އެމީހުންގެ ކޮންމެ ދުވަހެއްގެ އާދައެކެވެ. އެހެންނަމަވެސް ހަރުކަށި ޑައެޓުގައި އުޅޭތަރިންގެ ތެރެއިންވެސް ޗޮކްލެޓާއި ފޮނިކާތަކެއްޗާ ދުރުވާން އުދަނގޫތަރިން ވަރަށް ގިނައެވެ. މި ރިޕޯރޓުގައި މިބަލާލަނީ އެފަދަ ބައެއް ތަރިންނަށެވެ.

ބެބޯއަކީ ބޮލީވުޑުގައި އެއްގޮތަކަށް ހަށިގަނޑު ބައްޓަންކޮއްފައިވާ ރީތި ހަށިގަނޑެއްގެ ވެރި ތަރިއެކެވެ. އެހެން ނަމަވެސް ޗޮކްލެޓަށް އޭނާގެ ހިތުގައި އޮތްލޯބި ދައްކާލާފައިވަނީ މި ލޮކްޑައުންގައި އޭނާ އިސްޓަގުރާމުގައި ޕޯސްޓުކުރި ފޮޓޯއިންނެވެ. އޭނާގެ ދައްތަ ކަރިޝްމާ ތައްޔާރުކުރި ޗޮކުލެޓު ކޭކެއް ކެއުމުގެ އުފާވެރި މަންޒަރު ދައްކުވައިދޭ ފޮޓޯ ހިއްސާ ކުރަމުން ކަރީނާ ބުނެފައިވަނީ މުޅު ދުނިޔޭގައިވެސްހުރި އެންމެ ރަގަނޅު ދައްތަ ތައްޔާރުކުރި މީރު ޗޮކްލެޓު ކޭކު ކަނީކަމުގައެވެ.

ދީޕިކާ އަކީ ފެށުނީންސުރެ އޭނާގެ ބައްޓަމަށް ތައުރީފު އޮހެމުން އަންނަ ތަރިއެކެވެ. އެހެން ނަމަވެސް ދީޕިކާއަކީވެސް ޗޮކްލެޓާއިނުލާ ދިރިއުޅެން އުދަނޤޫ މީހެއްކަން އޭނާގެ އެތަށް އިންޓަވިއުއެއްގައި އޭނާ ފާހަގަކޮއްފައިވެއެވެ. ހޮޓު ޗޮކްލެޓަކީ އޭނާގެ ދިރިއުޅުމާގައި އެއާނުލާ ނޫޅެވޭނެ އެއްޗެއްކަން އޭނާ އަބަދުވެސް ފާހަގަކުރެއެވެ. އަދި އިންސްޓަގުރާމުގައި ޗޮކްލެޓް ފުޅިއަކާއި ޖޫސް ތައްޓެއްގެ އިތުރުން އޭނާގެ ޕާސްޕޯޓު ދައްކުވައިދޭ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ އެއީ އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ބައެއް އެއްޗެހިކަމަށެވެ.

ދީޕިކާގެ ފިރިމީހާ ރަންވީރަކީވެސް ޗޮކުލެޓު ކެއުމަށް ފޯރިހުންނަ ތަރިއެކެވެ. އޭނާގެ ޖިމް އިންސްޓްރެކްޓަރވެސް ވަނީ 2016 ވަނަ އަހަރު އެކަން ފާހަގަކޮށް އިންޓަގުރާމުގައި ޕޯސްޓެއް ކޮއްފައެވެ.

ސޯނަމް ކަޕޫރަކީވެސް ޗޮކްލެޓަށް ވަރަށް ފޯރިހުންނަ ތަރިއެކެވެ. އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއަށް ޗޮކްލެޓުކެކާއި އަދި ކުކީސް ތައްޔާރުކޮއްދިނުމަކީ އޭނާގެ އުފަލެކެވެ. އަދި އިސްޓަގުރާމުގައި އޭނާގެ ރަހުމަތްތެރިއަކު ތައްޔާރުކޮއްފައިވާ ޗޮކްލެޓު ކުކީސް ކާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއްވެސްވަނީ ހިއްސާކޮއްފައެވެ.

މީގެ ކުރިން ޑަޔާނާ ޕެންޓީވެސް ވަނީ އޭނާގެ ޗޮކުލެޓަށް އޮންނަ ލޯބި ދައްކުވައިދޭ އެތަށް ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމު ކޮއްފައެވެ. ޗޮކުލެޓާއި އެކި އެކި ގޮތްގޮތަށް ނަގާފައިވާ މި ފޮޓޯތަކުން އެލޯބި ވަރަށް ރަގަނޅަށް ހާމަވެއެވެ.

އެހެންނަމަވެސް ކިތަންމެ ކާހިތްވިޔަސް ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެއެވެ. އަދި ކެވޭ އެއްޗެއްސާ އެއްވަރަށް ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މަސައްކަތްކުރުމަކީ އަމިއްލަ ޒިންމާއެއްކަމުގައި ދެކެންވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!