ނެޕޮޓިޒަމްގެ ބަހުސްގައި ޕޫޖާ ބަޓްގެ ބަސް އިއްވައިފި

ސުޝާންތު ސިންގް ރާޖްޕުތުގެ މަރާއެކު ބޮލީވުޑުގައި އޮންނަ އެތައް މައްސަލަތަކެއް ފެންމަތިވި އިރު، އޭގެތެރެއިން އެންމެ ގަދަޔަށް ދެކެވެނީ “ނެޕޮޓިޒަމް”ގެ ވާހަކައެވެ. މިއީ ވަކި އާއިލާއަކުން އަންނަ ބަޔަކަށް އިސްކަން ދިނުމާއި، އެމީހުން ކުރިއަރުވަން މަސައްކަތް ކުރުމަށް ކިޔައި އުޅޭ ނަމެކެވެ. އެގޮތުން ބޮލީވުޑުގައި އިސްކަންދެނީ ފިލްމީ އާއިލާތަކުން އަންނަ ތަރިންނަށް ކަމަށްބުނެ ކަންގަނާ ރަނައަތު އަޑު ހަރުކޮށް ދައްކަމުން ދާ ވާހަކަތަކަށް، ޑައިރެކްޓަރު އަދި ކުރީގެ އެކްޓްރެސް ޕޫޖާ ބަޓް މިވަނީ ރައްދުދީ، އޭނާ ދެކޭގޮތް ހާމަކޮށްފައެވެ.

މަޝްހޫރު ބަޓް އާއިލާއަށް ނިސްބަތްވާ ޕޫޖާ ކުރި ޓުވީޓުތަކެއްގައި ބުނީ، އެ އާއިލާއާ ގުޅުވައިގެން ދެކެވޭ ނެޕޮޓިޒަމްގެ ވާހަކަތަކަށް ރައްދުދިނުމަށް ވަރަށް ގިނަ މީހުން އެދެމުންދާތީ، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ނިންމީ ކަމަށެވެ. އަދި ބަޓް އާއިލާއާ ގުޅުވައިގެން ދެކެވޭ ނެޕޮޓިޒަމްގެ ވާހަކަ ދޮގުކުރަމުން ޕޫޖާ ބުނީ، އެ އާއިލާއިން ވަނީ އެތައް އާ ފަންނާނުންނެއް އިންޑަސްޓްރީއަށް ނެރެދީފައި ކަމަށާއި، އެހެން އެއްވެސް ޕްރޮޑަކްޝަން ހައުސްއަކުން ނުކުރާ ވަރަށް އެކަން ކޮށްދީފައިވާނެ ކަމަށެވެ. “އެހެންވީމަ އަހަރެންގެ ގާތަށް އަންނަނީ ހަމަ ހިނި”، ޕޫޖާ ބުންޏެވެ.

މީގެ އިތުރުން ޕޫޖާ ފާހަގަކުރި ގޮތުގައި، މީގެ ކުރިން އެއް އިރެއްގައި ބަޓް އާއިލާއަށް ކުރިމަތިވި އިލްޒާމަކީ، ނުފޫޒުގަދަ ތަރިންނާއެކީ މަސައްކަތް ނުކޮށް ހަމައެކަނި އާ މޫނުތައް ލޯންޗު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމުގެ އިލްޒާމު ކަމަށެވެ. ނަމަވެސް އޭރު އެވާހަކަތައް ދެއްކި މީހުންގެ ރާގުވެސް މިހާރު ބަދަލުވެ، އެންމެން އެ ކުޅެނީ “ނެޕޮޓިޒަމް ކާޑު” ކަމަށް ޕޫޖާ ބުންޏެވެ. “އަހަރެން ބުނަން އޮތީ ޓްވީޓު ކުރުމުގެ ކުރިން ގޫގްލް ކޮށްލާށޭ. ވިސްނާފަ ވާހަކަ ދައްކާށެކޭ އަހަންނެއް ނުބުނާނަން، އެއީ ނުވިސްނޭ ބަޔަކު އުޅޭތީ”.

ޕޫޖާ ވަނީ އޭނާގެ ޓްވީޓުތަކުގެ ކަންގަނާގެ ނަން ވެސް ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ބުނީ، ޚުދު ކަންގަނާ ވެސް ބޮލީވުޑަށް ނެރެދިނީ ‘ވިޝޭޝް ފިލްމްސް’ (ބަޓް އާއިލާގެ ޕްރޮޑަކްޝަން ހައުސް) އިން ގެނެސްދިން “ގޭންގްސްޓާ” ފިލްމުން ކަމަށެވެ. އެއާއެކު ޕޫޖާ ވަނީ ކަންގަނާ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމަށްބުނެ، ކުރިމަގުގައި އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށްވެސް ބުނެފައެވެ.

ޕޫޖާ ބަޓް އަކީ ބޮލީވުޑުގެ އެންމެ ނުފޫޒުގަދަ އެއް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަމަށްވާ މަހޭޝް ބަޓްގެ ދޮށީ ދަރިފުޅެވެ. މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އާލިއާ ބަޓް އަކީ ޕޫޖާގެ އެއްބަފާ ކޮއްކޮއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!