ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާ އިން ސަލާމަތްވުމަށް އެމިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމާލި ކަމަށް “ސަން އޮންލައިން” އިން ރިޕޯޓުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި ހަވާލާދީ އެ ނުހުން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީގެ މުވައްޒަފުންނަށް މިނިސްޓަރު ޖިންސީ ގޯނާ ކުރާތާ އެތަށް ދުވަހެއް ވެއްޖެއެވެ.
މިނިސްޓްރުގެ ދަތުރުތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވާ ރިސޯޓުތަކަށް ގެންސްގޮސް ވެސް އަލީ ވަހީދު ތަކުރާރުކޮށް މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާ ކަމަށް މިނިސްޓްރީގެ މުވައްޒަފަކު ވަނީ ބުނެފައިއެވެ.
“ވަރަށް ފަހުން ދިޔަ ދަތުރެއްގައި އަލީ ވަހީދު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރި. އެދުވަހު އޭނާ އެ ރިސޯޓުގެ ވޯޓާ ވިލާއަކުން ފުންމާލި މޫދަށް،” އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ، އެ މުއްވަޒަފަކީ ފަތަންވެސް ނޭނގޭ މުވައްޒަފެއް ކަމަށާއި އެހެން ނަމަވެސް، އަލީ ވަހީދުގެ ޖިންސީ ގޯނާއިން ސަލާމަތްވުމަށް އިތުރުގޮތެއް ނެތުމުން މަރުވުންވެސް ހެޔޮކަމަށް ބަލާ ވޯޓާ ވިލާއިން މޫދަށް ފުއްމާލީ ކަމަށް މިއަދު އެއް މުވައްޒަފަކު ރައީސްއަށް ދެންނެވި އެވެ.
“މި ވާހަކަތައް ކިޔައި ދިނުމުން ރައީސަށް އިނީ ރޮވިފައި. ބުނާނެ އެއްޗެއްވެސް ނޭނގިފައި،” ބައްދަލުވުމަށް ދިޔަ މުވައްޒަފަކު ބުންޏެވެ.
މިނިސްޓްރީގެ އެހެން މުވައްޒަފަކު ބުނިގޮތުގައި މިފަހުން މާގިރި ހޮޓެލްގައި ބޭއްވި “ޕާޓީއެއްގައި”ވެސް އަލީ ވަހީދު ވަނީ އެފަދަ ކަމެއް ހިންގާފަ އެވެ. ބައެއް މުވައްޒަފުންނާ ރުހުމުގައި ވެސް އަދި ނުރުހުމުގައިވެސް މި އަމަލުތައް އޭނާ ހިންގާކަމަށް މިނިސްޓްރީގެ އެތައް މުވައްޒަފަކު ބުންޏެވެ.
“ބައެއް ފަހަރު މުވައްޒަފުންގެ ގަޔަށް އަތްލާ ހިސާބަށްވެސް ދޭ. ނޫނީ، ކޮންމެވެސް ކަހަކަ ހަޑި ވާހަކައެއް ދައްކާނެ. މެސެޖްވެސް ކުރޭ،” އޭނާ ބުންޏެވެ.
މި ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެދުވެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނީތ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަ ވާނެ ކަމަށް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.