ޓޫރިޒަމް މިނިސްޓްރީގެ 12 ވަރަކަށް މުވައްޒަފުންނަށް މިނިސްޓަރު އަލީ ވަހީދު މަގާމުގައި ހުންނަވައިގެން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު ކަމުގައި ހުންނަވައިގެން އަލީ ވަހީދު ވަނީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ 12 ވަރަަކަށް އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރައްވާފައެވެ. މިއަދު ރައީސް އޮފީހަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ގޮސްފައި ވާއިރު އެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފައެވެ.
އެ މުވައްޒަފުންގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވަންޓުން ހިމެނެއެވެ. އަދި ކޮވީޑް ޕެންޑެމިކްގައި ޓޫރިޒަމް މިނިސްޓްރީން ފްރަންޓްލައިންގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންވެސް ހިމެނެއެވެ. އެއީ ކޮވިޑްއާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވަނިކޮށެވެ. ލޮކްޑައުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ފްރޮންޓްލައިންގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންނާއި މިނިސްޓަރު ވެސް އުޅުއްވީ މާގިރި ހޮޓެލްގަ އެވެ.
މަސައްކަތުގެ މާހައުލުން އެ މުވައްޒަފުންނަށް ދިމާވި ކަންކަން ރައީސްއާ ހިއްސާ ކުރުމުން ރައީސް ސޯލިހް ވަނީ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށްވެސް ވަނީ އެނގިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ.
މަސައްކަތުގެ މާހައުލުން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އަލީ ވަހީދަށް ކޮށްފައިވާއިރު، މީގެ ކުރިން އަލީ ވަހީދާ ބެހޭ ގޮތުން ސޯޝަލްމީޑިއާގައި ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އަލީ ވަހީދު ފޯނުން ގުޅުއްވާ ބޭއަދަބީ ވާހަކަ ދައްކަވާފައިވާ އެތައް އޯޑިއޯއެއް ވަނީ ލީކްވެގެން ގޮސްފައެވެ. އެމައްސަލަތައް ހޫނުވެގެން ދިޔަ އިރުވެސް، އޭނާ އިސްތިއުފާ ދެއްވަން ރައީސް އަންގަވާފައި ނުވާ އިރު، މިރޭ އިސްތިއުފާ ދެއްވަން އެންގެވީ، ޖެންޑާ އާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވެގެންނެވެ.