ޖިންސީ ގޯނާ އަށް ކެތްނުވެގެން މުވައްޒަފުންތަކެއް ރައީސްގެ އަރިހަށް ދިޔަ

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، އެ މިނިސްޓްރީގައި މިހާރު މަސައްކަތް ކުރަމުންދާ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމާއި އެކަމަށް ޖިނާއީ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަން އެނގިއްޖެ އެވެ.

މައުލުމާތު ލިބިފައިވާގޮތުގައި އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގުމަށް ރައީސް ސޯލިހު މިއަދު ނިންމެވި ނިންމުމަކީ ވަރަށް ކުއްލި ނިންމުމެކެވެ. މިއަދު ރައީސް އޮފީހަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ދިޔަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވެންޓުން ވެސް ހިމެނެ އެވެ. ރައީސް އޮފީހަށް މިއަދުގެ ވަގުތެއްގައި ގާތްގަނޑަކަށް 9 ވަރަކަށް މުވައްޒަފުން ދިޔަކަން ވަނީ ޔަގީން ކުރެވިފައިއެވެ.

ރައީސްގެ އަރިހުގައި، އެމީހުންނަށް އަލީ ވަހީދުގެ ފަރާތުން ދިމާވި ޖިންސީ ގޯނާގެ ހާދިސާތައް ވަނީ ކިޔައިދީފަ އެވެ. އަލީ ވަހީދުގެ ފަރާތުން ދިމާވި ބިރުވެރި ކަންކަމުގެ ވާހަކަ ބައެއް މުވައްޒަފުން ރައީސްއާ ހިއްސާކުރި އެވެ. އެ މުވައްޒަފުން ރައީސް އޮފީހަށް ދިޔައީ އެ ވާހަކަތައް ރައީސް ސޯލިހު، ސީދާ މުވައްޒަފުންގެ ފަރާތުން އަޑުއަހަން ބޭނުންވެގެންނެވެ.

މުވައްޒަފުންނާއެކު ރައީސް ސޯލިހު ކުރެއްވި ބައްދަލުވުމަށްފަހު 10 މިނެޓްގެ ތެރޭގައި ރައީސް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގާފައި ކަމަށް އެނގިފައިވެ އެވެ. އަދި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

ރައީސް އޮފީހަށް ދިޔަ މުވައްޒަފުންގެ އިތުރުން އެކި ދުވަސްވަރުގައި އަލީ ވަހީދުގެ ފަރާތުން އިތުރު މުވައްޒަފުންނަށް ވެސް ޖިންސީ ގޯނާ ލިބުނު ކަމަށާއި އެފަދަ ކަންތައްތަކެއް ކުރިމަތިވެގެން ބައެއް މުވައްޒަފުން ވަޒީފާއިން ކެނޑިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ރައީސް ސޯލިހަށް މުވައްޒަފުން މައްސަލަ ހުށަހެޅީ، ޖެންޑާ މިނިސްޓަރު އައިޝާ ދީދީއަށް ވެސް އެކަން ހިއްސާ ކުރުމަށްފަހު އެވެ. ޖެންޑާ މިނިސްޓަރު ވެސް ވަނީ އެކަމުގައި ދޫނުދެއްވާނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ދެއްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!