މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ ލިބިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާއި ގުޅިގެން ރައީސްގެ އެ ނިންމެވުމަށް ކުރީގެ ރައީސް މައުމޫން ތައުރީފު ކުރައްވައިފި އެވެ.
ރައީސް މައުމޫން މިރޭ ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މި ކަހަލަ މައްސަލަތަކުގައި އަވަސް އިސްލާޙީ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަޅާފައިވާ ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ތެދުވެރިކަމާއި ވަރުބަލި ކަމެއްނެތި މަސައްކަތް ކޮށްދެއްވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، ހަގީގަތް ކޮންމެވެސް އިރަކުން އެނގި ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ.