އިންޑީއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފެހެންދުއަށް ދޭ ސްކޫލް ފެރީ ސަރުކާރާ ހަވާލުކޮށްފި

ބ. އަތޮޅު ފެހެންދޫގެ ދަރިވަރުން އެ އަތޮޅު ގޮއިދޫ ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަމަޖައްސައިފިއެވެ.

ބުދަ ދުވަހު 1 ނަންބަރު ޖެޓީގައި އޮތް ރަސްމިއްޔާތެއްގައި ފެރީ ޙަވާލުކޮށްފައިވާއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި ހިލޭ އެހީއަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ދިން އެހީއެއް ކަމަށެވެ.

އެގޮތުން ސަރުކާރުން މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވަނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން 2.5 މިލިއަން ރުފިޔާއެވެ.

މި ރަސްމިއްޔާތަށް ފަހު މީޑީއާތަކާ ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހަސަން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖައްސައިދިން ފެރީގެ ސަބަބުން ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިން އުފުލަމުންދާ އެތައް ތަކުލީފަކުން ސަލާމަތް ވެވޭނެ ކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ދަރިވަރުންނަށްވެސް ތައުލީމީ އެތައް ޙައްޤަކުން މަޙުރޫމުވެފައިވާކަން ހިސާން ފާހަގަ ކުރެއްވިއެވެ.

ކުރީގައި ފެހެންދޫގެ ސްކޫލްގައި ކިޔަވައިދިން ނަމަވެސް ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން އެ ސުކޫލު 2008 ގައި ވަނީ ބަންދުކޮށްފައެވެ. އެގޮތުން އާބާދީގައި 300 އެއްހާ މީހުން ހިމެނޭ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!