ޒަމާނަށް އަންނަ ބަދަލުތަކާއިއެކު، ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށް، ދިވެހި ލިޔުންތެރިކަންވެސް އެ މަގުން ތަރައްޤީ ކުރުމަށް މަސައްކަތްކޮށްދެއްވުމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ލިޔުންތެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ ޔުމްނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ، ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާކަމަށެވެ. އަދި ލިޔުންތެރިކަމަކީ ކުޅަދާނަ ހުނަރަކަށް ވާއިރު، ދިވެހިން ފަދަ އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވާ ކުޑަ މުޖުތަމަޢުއެއްގެ ތާރީޚާއި އާދަކާދަތަކާއި ސަގާފަތް ރައްކާކޮށް އައު ޖީލުތަކަށް އެކަންކަން އުނގަންނައިދިނުމުގައި ލިޔުންތެރިން އަދާކުރަނީ އަގު ނުކުރެވޭނެ ފަދަ ރޯލެއްކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރ ޔުމްނާގެ ޓުވީޓުގައި ޒަމާނަށް އަންނަ ބަދަލުތަކާއިއެކު، ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށް، ދިވެހި ލިޔުންތެރިކަންވެސް އެ މަގުން ތަރައްޤީ ކުރުމަށް މަސައްކަތްކޮށްދެއްވުމަށް ދިވެހި ލިޔުންތެރިންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ބަހުން ޝާއިޢު ކުރެވޭ ލިޔުންތެރި އުފެއްދުންތަކުގެ ބާވަތްތަކުގެ ތެރެއިން މަދުން އުފެއްދޭ ބާވަތްތަކުގެ ލިޔުންތައް އިތުރަށް އުފައްދަވައި އާންމުކޮށްދެއްވުމަށްވެސް ލިޔުންތެރިންގެ ކިބައިން އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެކިއެކި ބާވަތުގެ ލިޔުންތައް ލިޔުއްވާ އެންމެހައި ލިޔުންތެރިންނަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވަނީ އަރިސްކުރައްވާފައެވެ.