ފޮޓޯ: މިހާރު

އެޗްޕީއޭގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަަށް އޮޕަރޭޝަނެއް ފަށަނީ

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދިފައިވާ ޤާވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް މާލެ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރޭ ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މިހިނގާ ޖުލައި މަހުގެ 12 ގައި ކަމަށެވެ. އަދި މި އިންސްޕެކްޝަންގައި މާލެ އޭރިއާގައި ހިމެނޭ (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި) އެކުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންސްޕެކްޝަންގައި ހުރިހާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި، ސެލޫން، ބޯކޮށާ ތަންތަނާއި، ޖިމް އަދި އެކި ގޮތްގޮތަށް ހެދިފައިހުރި މާރުކޭޓްތައް ބެލިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެޗްޕީއޭއާއި އެމްއެފްޑީއޭ، މާލެ ސިޓީ ކައުންސިލް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޕޮލިސް ސާރވިސް، އެމްއާރުސީ، އެޗްޑީސީ އަދި ވެމްކޯ އާއި ގުޅިގެންނެވެ.

ނާސިރު ވިދާޅުވީ މި އިންސްޕެކްޝަންގެ އަމަޒަކީ ރައްޔިތުންނަށް ދުޅަހެޔޮ ރައްކައުތެރި މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު ޕޮލިސް ސްޓޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސައީދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެ އާންމު ކުރަމުންދާ ގައިޑްލައިން ތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ކަށަވަރުކުރުމާއި އެޗް.ޕީ.އޭގެ އިއުލާންތައް ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އަދިވެސް އެ މަސައްކަތްތައް ކުރަމުންގެންދާނެ ކަމަށެވެ. އެގޮތުން، އިންސްޕެކްޝަން ކުރިއަށްދާ ވަގުތު އިންސްޕެކްޝަންގައި ހިމެނޭ ޓީމުތަކާ އެކުވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށާއި ޓީމުތަކުގައި ހިމެނޭ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަންވެސް ފުލުހުން ކުރަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ފުލުހުން ކުރަމުންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި އިންސްޕެކްޝަން ކުރިއަށްދާ ވަގުތުތަކުގައިވެސް ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަނާމެދު މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުގެ މަތިން އެ ތަންތަނަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެ ކަމުގައި ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!