ފަތުރުވެރިކަން އަލުން ފެށުމުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 99 ރިސޯޓް އޮޕަރޭޓް ކުރާނެ

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 99 ރިސޯޓް ހުޅުވާލާ އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ޓެންޓަޓިވް ރިސޯޓް ރީއޯޕަނިންގް ލިސްޓުގައިވާގޮތުން މިހާރުވެސް އަށް ރިސޯޓަކުން ދަނީ އޮޕަރޭޓް ކުރަމުންނެވެ. 

އޭގެ އިތުރުން ޖުލައި 15 ވަނަ ދުވަހު 30 ރިސޯޓެއް ހުޅުވާނެ ކަމަށް އެ ލިސްޓުގައި ވާއިރު، ޖުލައި 20 ވަނަ ދުވަހު އެއް ރިސޯޓް އަދި ޖުލައި 22 ވަނަ ދުވަހު އެއް ރިސޯޓްގެ އިތުރުން ޖުލައި 24 ވަނަ ދުވަހު ރިސޯޓަކާއި ޖުލައި 25 ވަނަ ދުވަހު ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ލިސްޓުގައިވެ އެވެ. 

އެ ލިސްޓުގައިވާ ގޮތުން އޮގަސްޓް މަހު ހުޅުވުމަށް ހަމަޖެހިފައި ވަނީ 28 ރިސޯޓެކެވެ. އޭގެ ތެރެއިން 23 ރިސޯޓެއް އޮގަސްޓް އެކެއްގައި ހުޅުވާނެ ކަމަށް ލިސްޓުގައި ވާއިރު، އޮގަސްޓް އެއް ވަނަ ދުވަސް ނުވަތަ އޮކްޓޯބަރު އެއް ވަނަ ދުވަހު އެއް ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ލިސްޓުގައިވެ އެވެ. 

އަދި އޮގަސްޓް މަހު ރިސޯޓް، ކަނޑައެޅިގެން ހުޅުވާނީ ކޮން ތާރީހެއްގައިކަން ނެތް ރިސޯޓެއް ވެސްވެ އެވެ. އޭގެ އިތުރުން އޮގަސްޓް 15 ދުވަހު އެއް ރިސޯޓް ހުޅުވުމަށް ނިންމާފައިވާ ކަމަށް ލިސްޓުގައިވާ އިރު، އޮގަސްޓް 17 ވަނަ ދުވަހު ވެސް ރިސޯޓެއް ވަނީ ހުޅުވުމަށް ނިންމާފަ އެވެ. އަދި އޮގަސްޓް 26 ވަނަ ދުވަހު ވެސް ރިސޯޓެއް ހުޅުުވާނެ ކަމަށް ލިސްޓުގައިވެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ލިސްޓުގައި ސެޕްޓެމްބަރު މަހު ހުޅުވުމަށް 29 ރިސޯޓެއްވެ އެވެ. އަދި ސެޕްޓެމްބަރު މަހުގެ ފަހުން 50 ރިސޯޓެއް މި އަހަރު ހުޅުވުމަށް ނިންމާފައިވާ ކަމަށް ލިސްޓުގައި ވާއިރު، އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވުމަށް އެއް ރިސޯޓެއް ވަނީ ލިސްޓުކޮށްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!