ދިވެހިރާއްޖެ އިސްތިހާރު ކުރުމުގައި ދިވެހި ފަންނާނުންގެ ބައިވެރިވުން އިތުރުކޮށް، ދިވެހީންގެ ސަގާފީ ތަރިކަ އިތުރަށް ދެއްކުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އަދި މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މަޝްވަރާ ކޮށްފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޔުމްނާ މައުމޫނާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދުގެ އިތުރުން އެހެނިހެން އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ފަންނުވެރިންގެ މަސައްކަތްތަކުން ރާއްޖެ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރިތައް ހުރި ރަށްރަށުގެ ތާރީހީ ތަންތަން ގެސްޓުންނަށް ވެސް ފެނިގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ރާއްޖެ ޕްރޮމޯޓް ކުރަން ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ފަތުރުވެރިންނަށް ޝައުގުވެރިކަމާއެކު ދެއްކޭނެ ކަމާއި މިއީ އިގްތިސާދީ ގޮތުން ފައިދާ ލިބި، އެއްބައިވަންތަކަން އިތުރު ކޮށްދޭނެ ކަމެއް ކަމުގައި ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވެފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.