ހަތަރު ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމުގެ ސާރވޭއެއް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.
މިސާރވޭއަކީ ވޯލްޑް ބޭންކް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިއާދަކުރެނިވި ހަކައިތައިގެ މަޝްރޫޢު “އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެނޑް ސަސްޓެއިނަބަލް އެނާރޖީ، އެރައިޒް” މަޝްރޫއުގެ ދަށުން، އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއި، ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި ރަށުގެ ކަރަންޓު ވިއުގަރގެ ފެންވަރު ރަނގަޅު ކުރުމާއި މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ސާރވޭ އެކެވެ.
މިމަޝްރޫޢުގެ ދަށުން 4 ރަށުގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދުމުގެ ސާރވޭގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 15 ދުވަހާއި ހަމައަށެވެ.
“އެރައިޒް” މަޝްރޫޢުގެ ދަށުން އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް 4 ރަށެއްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބ. އޭދަފުށްޓާއި، ޅ. ހިންނަވަރާއި، ގދ. ތިނަދޫގެ އިތުރުން އައްޑޫ ސިޓީގައެވެ. މި މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސާރވޭގައި ހިއްސާކުރާ މަޢުލޫމާތު ހަމައެކަނި ބޭނުންކުރާނީ ދިރާސާގެ ބޭނުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
އަދި ސާރވޭގެ ބޭނުމަށް ހިއްސާކުރާ އެއްވެސް ޒާތީ މުޢާމަލާތްތަކާއި ސާރވޭއަށް ފޯމް ފުރާ މީހުންގެ މައުލޫމާތު ޢާއްމުނުކުރާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.