ބ. ބޮޑުފިނޮޅަށް އަރަން މަސައްކަތް ކުރި ލޯންޗަށް ހަމަލާ ދެވުނީ ގޭންގު ބައެއް ކަމަށް ހީކޮށްގެން ކަމަށް ހަމަނުޖެހުން ހިންގި ބިދޭސީންގެ ޤާނޫނޫ ވަކީލަކު ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ ދިފާއީ ވަކީލު އާމިނަތު ނަޝްއާ އާދިލް ނެރުއްވި ބަޔާނުގައި ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުމަށް މެދުވެރިވީ އެރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ސީލް މޯލްޑިވްސްއަށް ނިސްބަތްވާ ދިވެހި މީހަކު ބިދޭސީންނަށް ބިރުދެއްކުމުން ކަމަށް ބިދޭސީން ބުނާކަމަށެވެ.
ބިދޭސީންނަށް ބިރު ދައްކައި ހަމަލާދޭން އެރަށަށް އޭގެ ކުރިންވެސް ބަޔަކު ދިޔަކަމާއި، ފުލުހުން އައުމުން ތޫނު ހަތިޔާރާއެކު ފުލުހުންނާއި ކުރިމަތި ލެވުނީ އެއީ ކުރީގައިވެސް ރަށަށް އަރައި ތޫނު ހަތިޔާރާއެކު މަރާމާރީ ހިންގަން އުޅުނު މީހުންކަމަށް ހީވުމުން އަމިއްލަ ސަލާމަތަށްޓަކައި ކަމަށްވެސް އެ ބިދޭސީ މީހާ އާއި ހަވާލާދީ އެ ބަޔާނުގައި ބުނެފައިވެއެވެ.
ގޭންގު ބަޔަކު އެ ރަށަށް އަރަން މަސައްކަތް ކުރި ކަމަށާއި އަމިއްލަ ސަލާމަތަށްޓަކައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެ މީހުން ރަށަށް އެރުން ނާކާމިޔާބުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ރޭގަނޑު އަނދިރީގައި ބަޔަކު އަނެއްކާވެސް ރަށަށް އަރަން އުޅޭ ތަން ފެނުމުން އެ މީހުންނަކީ ކުރިން ވެސް ތޫނު ހަތިޔާރާއެކު ރަށަށް އަރަން އުޅުން މީހުން ކަމަށް ހީކޮށް އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއީ ފުލުހުންކަން އެނގުނީ މާ ފަހުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ރަށަށް އެރުމަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައި ނޯންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.