ފިނޭންސް އިމާރާތުގެ އެއްބަސްވުން ބާތިލްނުކޮށް ކުރިއަށް ގެންދަން މަޝްވަރާކުރަނީ

މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ފަށާފައިވާ ފިނޭންސްގެ 25 ބުރީގެ އިމާރާތުގެ ކޮންޓްރެކްޓް ބާތިލްކޮށްފި ނަމަ، ދައުލަތަށް ގެއްލުންވާނެތީ އިމާރާތުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެނެސް އެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަން އެޗްޑީސީއިން މިއަދު ހާމަކޮށްފި އެވެ.

އެޗްޑިސީން ބޭއްވި ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ މަސައްކަތް ކުރުމަށް މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗުމަހުގެ ފުރަތަމަ ދުވަހުގައި ކަމަށެވެ. މިމަސައްކަތް ފިނޭންސް މިނިސްޓްރީ އާއި ޑަބްލިއުޒެޑްއާރު އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މަޝްރޫއުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 122.7 މިލިއަން ޑޮލަރެވެ.

މާލޭގައި ކުރިއަށް ގެންދަން ނިންމި މި މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމަށް ކުރީގެ ސަރުކާރުން ނިންމުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އޮތް ހުރިހާ އިލްތިޒާމުތައް 2017 މާޗު މަހުގެ ހަތްވަނަ ދުވަހު އެޗްޑީސީން ކުރިއަށް ގެންދާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެޗްޑީސީން ވިދާޅުވީ މިމަސައްކަތުގެ ނޮވޭޝަން އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މި މަޝަރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާކަމަށެވެ. އަދި މީގެއިތުރުން، މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާއި ގުޅިގެން މަޝްރޫޢުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެގެން ގޮސްފައިވާކަމަށެވެ

އެ މަޝްރޫއު އޭރު ކުރިއަށްގެންދަން ޖެހުނީ އެ ކުންފުނީގެ ބިޒްނަސް ޕްލޭނުގެ ބޭރުން ކަމަށާއި 155 މިލިއަން ޑޮލަރަށް މަޝްރޫއުގެ އަގު ބޮޑުވުމަކީ ކުންފުނީގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ލޯނަކަށްވެފައި، ފީޒިބިލިޓީ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މި އެއްބަސްވުން ނޮވޭޓު ކުރުމަށްފަހު، ކޮންޓްރެކްޓަރު ކޮށްފައިވާ މަސައްކަތަކަށް 30 މިލިއަން ޑޮލަރުގެ ބިލެއް އެޗްޑީސީ އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ބިލުގައިވާ އަގަކީ ކޮށްފައިވާ މަސައްކަތާ ނުބައްދަލު އަގެއްކަމަށްވާތީ ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްފަހު، އަގު ކުޑަކޮށްފައިވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީން ވިދާޅުވީ މިމަޝްރޫޢުގެ ކުރިއަށް ނުގެންދަން ނިންމައި ކޮންޓްރެކްޓް ބާތިލްކޮށްފިނަމަ ދަޢުލަތަށް ބޮޑު ގެއްލުންވާނެތީ އެކަން ހައްލުކުރުމުގެ މަސައްކަތް މި މުއްދަތުގެ ތެރޭގައިވެސް ކުރަމުންދާކަމަށެވެ. މިމަޝްރޫއަކީ ފިނޭސް މިނިސްޓްރީގެ އިމާރާތުގެ ޖާގަ ކުޑަވުމުގެ ސަބަބުން ޖާގަތަނަވަސް އިމާރާތެއް އެޅުމަށްޓަކައި 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!