އެފްއޭއެމުން މަޖިލީހަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ: ބައްސާމް

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުރިހާ އެއްބާރުލުމެއްދޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި އިންތިހާބީ ކޮންގްރެސްގައި، ބައްސާމަށް އިތުރު ދައުރެއް ދޭން ވަނީ ކްލަބްތަކުން ނިންމައިފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އޭނާއާއި އެފްއޭއެމްގެ އިސްވެރިން ވަނީ ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަދި އެފްއޭއެމްގެ ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

އަލީ އާޒިމް ހުށަހެޅުއްވި ގަރާރުގައި ހިމެނޭ ކަންތައްތަކާއި މެމްބަރުން އަމިއްލަ އަށް ސާފުކުރަން ބޭނުންވި ބައެއް ކަންތައްތަކާ ބެހޭގޮތުން ބައްސާމް ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ. އަދި ކޮމިޓީ މެމްބަރުންގެ އެދޭ ގޮތާ އެއްގޮތަށް ގަރާރުގައި ހުރި ހުރިހާ ކަންތައްތައް އޮޅުން ފިލުވައިދޭން އެފްއޭއެމުން އަންނަ ހޯމަ ދުވަހުގެ ކުރިން ލިޔުމުން ކޮމިޓީ އަށް ހުރިހާ ޖަވާބެއް ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

“އަޅުގަނޑުމެންގެ ފަރާތުން ވެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނަން. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ ކަންކަން ނުބެލޭނެއޭ ކިޔާފައި ގަދަބަސް ބުނެފައި ތިބޭކަށް. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން އޮޅުންފިލުވަން އޮތް މައުލޫމާތެއް ސާފުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ފުޓްބޯޅަ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުވުން. ދިވެހި ރައްޔިތުންނަށް ކޮށްދޭ ކަމެއް، (ދިވެހި) ފަސްގަނޑަށް ކޮށްދޭ ކަމެއް (މިއީ). އެ ގޮތުގައި އަޅުގަނޑުމެން ތިބޭއިރު ދިވެހި ރައްޔިތުން ތަމްސީލުކުރާ މެމްބަރުން ކަންކަން އޮޅުންފިލުވަން ބޭނުންނަމަ އަޅުގަނޑުމެން މި ތިބީ އެއްބާރުލުން ދޭން ތައްޔާރަށް،” ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން އިންތިހާބު ބޭއްވީ ފީފާ އާއި އޭއެފްސީ އަށް ދީފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިއުމަށާއި ފުޓްބޯޅައިން ރާއްޖެ ސަސްޕެންޝަންޑްކުރުމުން ސަލާމަތްކުރަން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެ އިންތިހާބު ކާމިޔާބު ކުރައްވައި އިތުރު ދައުރަކަށް މިހާރުގެ ރައީސް ބައްސާމް ވަނީ އިންތިހާބު ކޮށްފަ އެވެ. މިއަދުގެ ކޮމިޓީގައި ބައެއް މެމްބަރުން ވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމުން ބައްސާމަށް މަރުހަބާ ކިޔައިފަ އެވެ. އަދި މަޖިލީހުން އެއްވެސް އިރެއްގައި އިންތިހާބު ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!