އާސަންދައިގެ ދަށުން ނޫނަސް އިންޑިއާ އަށް ބޭހަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފި

އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް އީމެއިލް ކުރުމުން އެކަންތައް ކުރިއަށްދާނެ ކަމަށެވެ.

މި ފުރުސަތަކީ ރާއްޖެއިން ލިބެން ނެތް، “ކްރިޓިކަލް” ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް އިންޑިއާ ސަރުކާރުން ދެއްވި ފުރުސަތެއް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް ކަމަށާއި، ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި މިގޮތަށް ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މި ފުރުސަތު މަގުފަހިވެފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށާއި ކޮވިޑް19 ގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށްދޭ އެގައުމުން ދިން ފުރަތަމަ ހުއްދަ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 7983400 އިން ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!