ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް އާއި އިތުރު ހަތަރު މެންބަރުން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
އެ ހަތަރު މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ޚަދީޖާ އަބްދުﷲ އެވެ. މިއީ، ކުރީގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރުންނެވެ.
އެންއައިސީ މެންބަރުންގެ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގި އެވެ. ސަބް ކޮމިޓީއާ ހަވާލު ކޮށްފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގަ އާއި ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރި ފުލުހުންގެ މައްސަލަތަކުގައި އެންއައިސީން އަމަލުކުރި ގޮތް ބަލާށެވެ.
ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެކުލަވާލި ރިޕޯޓް ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހުށަހަޅައިފަ އެވެ. ރިޕޯޓުގައިވާ ގޮތުން، އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެ އެވެ. އެހެންކަމުން އެ ހަތަރު މެމްބަރުން ވެސް މަގާމުން ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މި މައްސަލަ ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.
އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.
އެންއައިސީގެ ހަތަރު މެންބަރަކު ވަކިކުރަން ރައީސަށް އަންގަން ކޮމިޓީން ނިންމިއިރު، ދެން އެ ކޮމިޝަނުގައި އިންނަވަނީ މެންބަރު އަހުމަދު ޖިހާދު އެކަންޏެވެ. މެންބަރު ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.