ފޮސްޓާ ކެއާ ސިސްޓަމެއް ޤާއިމުކޮށް އެކަމަށް ޚާއްޞަ ނިޒާމެއް ޤާއިމުކޮށް އަނިޔާ ލިބޭ ކުޑަކުދިން އަނިޔާ ލިބޭ މާހައުލުން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ގޮވާލައި ޚާއްޞަ ޤަރާރެއް މަޖިލިހަށް ހުށަހަޅައިފިއެވެ.
މިޤަރާރު ހުށަހެޅުއްވި މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަޙްމަދު ޚައިތަމް ވިދާޅުވީ ޤަރާރު ހުށަހަހެޅުއްވި އެންމެބޮޑު މަޤްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކާ ކުޑަކުދިންނާއި، އެ ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެގޮތުންކަމަށެވެ.
އަދި މިހާރަށްވުރެ ބޮޑަށް ފޮސްޓާ ކެއާ ނިޒާމަށް އިތުރަށް ސަމާލުކަން ދިނުމާއެކު، އަނިޔާ ލިބޭ ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ ކަންކަން ހަމަޖައްސާނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމުކޮށް އެއުޞޫލުތަކާ އެއްގޮތަށް އެކަންކަން ހިންގުމަށް މެންބަރު ޚައިތަމް ވިދާޅުވިއެވެ. އަދި ކުޑަކުދިން ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށްވުރެ އިތުރުކުރުމަށް ކަމަށްވެސް ޚައިތަމް ވިދާޅުވިއެވެ.
ހަމައެހެންމެ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމަށްވެސް މެންބްރު ޚައިތަމްގެ ޤަރާރުގައި ގޮވާލައްވާފައިވެއެވެ. އަދި ކުޑަކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާއި އެކުދިން ނާޖާއިޒު ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްވެސް ޤަރާރުގައި ގޮވާލައްވާފައިވެއެވެ.