މަޖިލީހުގައި މެންބަރަކު އަވަހާރަކޮށްލާ ވާހަކަ ދެއްކޭނެ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ ކަމަށާއި، ނަމަވެސް މެމްބަރަކު “އަވަހާރަކޮށްލާ ވާހަކަ” މަޖިލިހުގައި ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ އެއީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އެ ގަރާރަށް ބަހުސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ އެކަމަށް ގޮތެއް ކަނޑައެޅުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެއާއެކު ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ގާނޫނުއަސާސީގައި އޮންނަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު ވާހަކަ ދެއްކޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ދެން އޮންނަނީ ލާމަރުކަޒީ ނިޒާމުން ގައުމު ހިންގާ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ގަރާރުގައި ބުނާ ކަންކަމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު މަޖިލީހުގައި ގަރާރެއް ހުށަހަޅައިގެން ކޮންމެ ވާހަކައެއް ވެސް ދެއްކެވި ދާނެ ކަމަށެވެ.

“މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ ގާނޫނު އަސާސީ އުވާލާ ވާހަކަ ވެސް. މި މަޖިލީހުގައި ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ. މި މަޖިލީހުގައި ގަރާރަކުން ދެއްކި ދާނެ މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް.” ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!