ކަރަން ޕަޓޭލް މިހުރީ ބަޖާޖުގެ ކެރެކްޓާގަ! ކަމުދޭތަ؟

ލޮކްޑައުންގެ ތެރޭގައި ހިންދީ ޑްރާމާ ސިލްސިލާތަކަށް އައި ބަދަލާއެކު، ގިނަ ބަޔަކަށް އެންމެ ބޮޑު ޙަބަރަކަށް ވެގެންދިޔައީ ސްޓާ ޕްލަސް އިން ގެނެސްދޭ “ކަސޯޓީ ޒިންދަގީ ކޭ” ގެ އެންމެ މުހިއްމު އެއް ކެރެކްޓާ، ބަޖާޖުގެ ރޯލުން ކަރަން ސިންގް ގްރޯވާ ވަކިވުމެވެ. އެއާއެކު އެ ސިލްސިލާގެ އުފެއްދުންތެރިން ދިޔައީ އެ ރޯލު ކުޅޭނެ އެހެން ތަރިއެއް ހޯދުމަށް އަތްފުނާ އަޅަމުންނެވެ. އެންމެފަހުން އެމީހުންގެ އަމާޒު ހުއްޓުނީ ސްޓާ ޕްލަސްއަށް އާއްމު މޫނެއް ކަމަށްވާ ކަރަން ޕަޓޭލް އަށެވެ. ކަރަންއަށް ބަޖާޖުގެ ރޯލު ހުށަހެޅުމުން އޭނާ އެއަށް އެއްބަސްވުމުން، މިހާރު ވަނީ އޭނާއާއެކު ކަސޯޓީގެ މަންޒަރުތައް ނަގަން ފަށާފައެވެ.

ލޮކްޑައުންގެ ތެރޭގައި ޝޫޓިންތަކަށް އައި މެދުކެނޑުމަށްފަހު މިހާރު ބައެއް ސިލްސިލާތަކުގެ ޝޫޓިން އަލުން ފަށާފައިވާއިރު، ކަސޯޓީގެ ޝޫޓިން ވެސް ކުރިއަށްދާ ކަމަށް ޙަބަރު ލިބެއެވެ. އެގޮތުން، ކަރަން ގްރޯވާ، ބަޖާޖުގެ ގޮތުގައި ކަސޯޓީއިން ފެނިލާ ފުރަތަމަ ފެނިލުމުގެ މަންޒަރުތައް ވަނީ ނަގައި ނިމިފައެވެ. އަދި ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އާ އެޕިސޯޑުތަކާއެކު އެ މަންޒަރު ފެންނާނެ ކަމަށް ބުނެއެވެ.

ކަރަންގެ ފުރަތަމަ ފެނިލުމުގެ ފޮޓޯތައް ވެސް މިހާރު ވަނީ މީސްމީޑިއާއަށް ތިލަވެފައެވެ. އެގޮތުން އެ ފޮޓޯތަކުގައި، މީގެ ކުރިން ނުފެންނަ ފަދަ ގޮތަކަށް ކަރަން ހުރީ ކޯޓު ފަޓުލޫނު ލައި، ބަޖާޖުގެ ކެރެކްޓާއަށް ވަރަށް ބޮޑަށް ވަދެފައެވެ. އެ ސިފައާ ބެހޭގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ، އެއީ އޭނާއަށް އާ “ލުކް” އެއް ކަމަށާއި، އެކަމަކު ބެލުންތެރިންނަށް ކަމުދާނަމަ އޭނާއަށް އެންމެ ރަނގަޅު ކަމަށެވެ. “އަހަރެންގެ އަންހެނުންނަށް ވަރަށް ކަމުދޭ މި ލުކް”، އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރަން ބުންޏެވެ.

މީގެ އިތުރުން ކަރަން ބުނީ، ބަޖާޖު ފަދަ “އައިކޮނިކް” ރޯލެއް ކުޅެލަން ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ. “ވަރަށް މަދު މީހަކަށް ނޫނީ ނުލިބޭނެ ބޮޑު ދެ ރޯލު ޖެހިޖެހިގެން ކުޅެން. ޔޭ ހޭ މޮހައްބަތޭ އަށްފަހު އަހަންނަށް މި ލިބުނީ ކަސޯޓީގެ ރޯލެއް”، އަމިއްލަ ނަސީބުގަދަކަން ފާހަގަކޮށްފައި ކަރަން ބުންޏެވެ. މީގެ ކުރިން ކަރަން ފެނިގެންގޮސްފައި ވަނީ ހަމަ ސްޓާ ޕްލަސް އިން ދެއްކި “ޔޭ ހޭ މޮހައްބަތޭ” ސިލްސިލާއިންނެވެ. 2013 ގައި ފެށި އެ ސިލްސިލާ ވަނީ ހަ އަހަރަށް ދެމިގެން ގޮސްފައެވެ. އަދި އެއީ ވަރަށް މަޤުބޫލުވެގެން ދިޔަ ސިލްސިލާއެކެވެ. އޭގައި ކަރަން ކުޅުނީ ރަމަން ކިޔާ ކެރެކްޓާއެކެވެ. އަދި ރަމަން އާއި އިޝިތާ (ދިވްޔަންކާ) ގެ ޖޯޑު ވެސް ބެލުންތެރިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!