އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނޯކަރުން: ނަޝީދު

އިޤުތިޞާދީ މި ދަތި ހާލަތާއި ގުޅިގެން ވެސް ސަރުކާރުގެ ވައުދުތައް ފުއްދަން އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުންކަމަށާއި، ފެނާއި ނަރުދަމާ ގާއިމު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭގެ ތެރެއިން ގިނަ މަސައްކަތްތަކަކީ ދައުލަތުގެ ބަޖެޓުން ކުރަން ހުރި މަސައްކަތްތަކެއްނޫން ކަމަށާއި އެއީ ލޯނާއި ހިލޭ އެހީން ކުރަން ހުރި މަސައްކަތްތަކެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރު ވެސް އެވައުދުތައް ފުއްދަން އެއްވެސް ހުރަހެއްނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނޯކަރުން” ކަމަށާއި، މަސައްކަތް ކުރަމުން ގެންދަނީ އެކަން ހަނދާންކޮށް ތިބެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަވަދިނެތި އުޅުއްވަނީ އެމްޑީޕީގެ ވައުދުތައް “ރަނުން ރަނަށް ފުއްދައިދިނުމަށް.” ކަމަށާއި ވައުދުތައް ފުރިހަމައަށް ފުއްދައި ދެވޭނެ ކަމަށެވެ.

އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ “އިންސާފު ގާއިމު ކޮށްދޭނަމޭ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރާނެ ފަނޑިޔާރު ގެއެއް ބިނާކޮށްދޭނަމޭ. ޖޭއެސްސީ އަކީ ސިޔާސީ ވިސްނުމަކުން ނުވިސްނާ ހަމަހަމަކަމާއި އެކު ފިޔަވަޅު އަޅާ ތަނަކަށް ހަދާނަމޭ.” ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!