ހޮޅުދޫ ޓާފް ދަނޑު ހަލާކެއް ނުވޭ: މަޙްލޫފް

ހޮޅުދޫ ޓާފް ފުޓްބޯޅަ ދަނޑު ހަލާކުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން އާންމުކުރީ ދޮގު ޚަބަރެއް ކަމަށް މަޙްލޫފް ވިދާޅުވެއްޖެއެވެ.

ބޯކޮށް ވާރޭވެހުމުން ޓާފް ހިއްލިފައި އޮތް ވީޑިއޯއެއް ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި ވީޑިއޯއާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ރައީސް ޞާލިޙުގެ ސަރުކާރުން ރާއްޖޭގައި އެޅި ފުރަތަމަ ޓާފް ދަނޑު ހަލާކުވެފައިވާ ކަމަށް ބުނެފައެވެ.

އެކަމަކު މި ޚަބަރުތައް ދޮގުކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ޓާފްގެ އަޑިއަށް ފެން ޖަމާވެ ޓާފް ހިއްލުމަކީ ސީރިއަސް މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން މާލޭގައި އަޅާފައިވާ ޓާފް ދަނޑުތަކުގެ ޓާފްވެސް ބޯކޮށް ވާރޭވެހުމުން ހިއްލޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހޮޅުދޫގައި އެޅި ޓާފް ދަނޑާއި ގުޅިގެން ޒުވާނުންނާއި އެރަށު ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް، ދަނޑުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނ. ހޮޅުދޫގެ ދަނޑަކީ ރައީސް ޞާލިޙުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ 100 ދަނޑުގެ ތެރެއިން ނިންމާލި ފުރަތަމަ ދަނޑެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!