ފީފާއިން ރާއްޖެ ސަސްޕެންޑް ކޮށްފި ނަމަ ގޯސްވާނީ އަޅުގަނޑާއި ރައީސް: މަހުލޫފް

ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން ރާއްޖެ ފުޓްބޯޅައިގެ ހަރަކާތްތްތަކުން ސަސްޕެންޑްކޮށްފިނަމަ ގޯސްވާނީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއްގައި ބުނެފައިވަނީ ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށެވެ.

އެމައްސަލައާ ގުޅިގެން މަހްލޫފް ވަނީ އެފްއޭއެމްގެ އިންތިހާބު ލަސް ކޮށްދެއްވުމަށް އެދި އެއިދާރާއަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިމަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް ވަނީ އިންތިހާބު ކޮށްފަ އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ގާނޫނު ބުނާ ގޮތުން ކުޅިވަރު އެސޯސިއޭޝަނަކަށް ބަސް ކިއުމަކީ މިނިސްޓަރަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

މަހުލޫފް ވިދާޅުވީ މެމްބަރު އާޒިމްއާ އެކު އެ ގާރާރުގައި ހުރި ކަންތައްތަކާ ބެހޭގޮތުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޝްވަރާކުރެވި އެކަންކަމާ ބެހޭ މައުލޫމާތު ސްޕޯޓްސް ކޮމިޝަނަރު މެދުވެރިކޮށް އެފްއޭއެމުން ސާފުކުރި ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލަ ބަލައި ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސްކުރަން މަޖިލީހުން އެދުނު ގޮތަށް އެފްއޭއެމްގައި މިނިސްޓްރީން އެދުނު ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް މިނިސްޓަރު ގަބޫލުނުކުރައްވަ އެވެ.

މިނިސްޓަރު ވިދާޅުވީ އެފްއޭއެމްގައި ގޯސްތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކްލަބުތަކުން އެކަންކަން ރަނގަޅުކުރަން ބޭނުން ނުވާ ނަމަ އޭނާއަށް ކުރެއްވޭނެ ކަމެއް ނެތް ކަމަށެވެ.

މި މައްސަލާގައި މަހްލޫފް ވިދާޅުވީ ކްލަބު ތަކުން ވޯޓު ދީގެން އެފްއޭމްގެ އިންތިހާބު ބާއްވައި އެކަން ފީފާއާއި އޭއެފްސީން އެ އިންތިހާބު ބަލައިގެންފައި ވަނިކޮށް އިންތިހާބު ބަލައިނުގަތުމަށް ނިންމައިފި ނަމަ ފީފާގެ ސަސްޕެންޝަނެއް ރާއްޖެއަށް އަންނާނެ ކަމަށެވެ. އެހެން ކަމުން ފުޓުބޯޅަ އަށް ގެއްލުން ވާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓަރު ވަނީ މިއަދުގެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!