މާފަރު އެއަރޕޯޓުގައި ކޯވިޑް-19 އަށް މިހާރު ޓެސްޓްކުރެވޭނެ

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކުރާ ޕީ.ސީ.އާރް ލެބްގެ މަސައްކަތް ނިންމާ ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މާފަރުގައި ޕީ.ސީ.އާރް ލެބެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސޮނޭވާ ރިސޯޓް ހިންގާ ސޮނޭވާ ގްރޫޕުންނެވެ. އަދި އެތަނަށް ބޭނުންވާ ޕީ.ސީ.އާރް މެޝިނާއި، މެޝިނަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓްތަކެއްގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ޕްލާސްޓިކް ވެއާސްއާއި، ކޮންސިއުމަބަލްސް ރާއްޖެ ގެނެސްފައިވަނީ އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

މި ލެބް ފަރުމާކޮށްފައިވަނީ ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާއި އެއްގޮތަށް އޭ.ޑީ.ކޭއިން ކުރަހާފާއިވާ ޑިޒައިނަކަށެވެ. އަދި ޕީ.ސީ.އާރް ލެބްހެދުމުގެ ޓެކްނިކަލް ހުރިހާ ގައިޑްލައިންތަކާއި، ލެބް ހިންގުމުގެ ސްޓޭންޑެޑް އޮޕަރޭޝަން ޕްރޮސީޖަރސް، އެސް.އޯ.ޕީތައް ތައްޔާރުކޮށްދީފައިވަނީވެސް އެކުންފުނިންނެވެ.

މާފަރު އެއަރޕޯޓުގައި ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޤާއިމުކޮށްފައިވާ ލެބޯޓްރީގައި ބޭނުން ކުރުމަށް ގެންގޮސްފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މިހާރުވެސް ސާމްޕަލް ޓެސްޓްކުރުމަށް ބޭނުންކުރާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން، ޕީ.ސީ.އާރް ލައިޓް ސައިކްލަރ ނައިން ސިކްސްގެ މެޝިނެކެވެ. މި ލެބަށް ބޭނުންވާ އިކުއިޕްމަންޓްތަކަށް އޯޑަރކުރުމާއި، އިންފްރާސްޓްރަކްޗަރ ހެދުމާއި، ފައިނަލް ސެޓަޕް ރޭވުމަށް ހޭދަވެފައިވަނީ 30 ދުވަސްކަމަށް އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

މާފަރު އެއަރޕޯޓުގައި ކޯވިޑް-19 ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ރާއްޖޭގެ 5 ތަނެއްގައި ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!