އެމްއޭސީއެލްގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން 2 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެމްއޭސީއެލްގެ ބޯޑަށް ސަރުކާރުން އަލަށް އައްޔަންކުރައްވާފައިވާ 2 ބޭފުޅުންނަކީ ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މިހާދު އާއި މއ.ބްލޫގްރާސް، ފަރުހާން އަބްދުއްޣަފޫރުއެވެ. އެމްއޭސީއެލްގެ ބޯޑަށް އަލަށް 2 ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، ކުރިން އެބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައެވެ.

އެމްއޭސީއެލްގެ ބޯޑަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ އިތުރުން އެކުންފުނީގެ ބޯޑުގައި ތިއްބަވަނީ ކުންފުނީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު، އަދި ޑިރެކްޓަރުންކަމަށްވާ، ފާތިމަތު މުއާޒާ އިބްރާހިމް، ޑރ.އިބްރާހިމް މަހްފޫޒް އަދި އިބްރާހިމް ނޫރައްދީންއެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ ޖޫންމަހުގެ 28 ވަނަ ދުވަހު ހަމަޖައްސާފައެވެ.

ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!