ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު މަޖިލީހުގެ ތަޅުމަށް

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހދ. ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ މައްސަލަ އެދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ތިނަދޫއަށް އުދައަރާ ގެއްލުންތައްވި މައްސަލާގައި އެ ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ރާއީ ވިދާޅުވީ ކަނޑޫފާގެ ދިހަހާހަށްވުރެ ގިނަ ގަސް މަރުވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވަމުން ރާއީ ވަނީ ނޭކުރެންދޫ ކަނޑޫފަލަށް އައިސްފައިވާ ބަދަލު ފެންނަ ފޮޓޯ އަކާއި އެ ކަނޑޫފަލުން މީގެކުރިން ގެނެސްފައިވާ ކަނޑުލާއި މިހާރު ގެންނަ ކަނޑޫ ދައްކަވާލައްވާފައެވެ.

މެންބަރު ރާއީ ވަނީ މީގެ ކުރިން އެ ރަށުގެ ކަނޑޫފަލުން ލިބޭ ކަނޑުލާއި ކަނޑޫފަލުގެ ގަސްތައް މަރުވާން ފެށި ފަހުން ލިބޭ ކަނޑުލުގެ ޕެކެޓެއް ވެސް މަޖިލީހަށް ގެނެސްފަ އެވެ. އަދި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ދެ ޕެކެޓް އޭނާ ހަދިޔާ ކުރެއްވި އެވެ.

މެންބަރު ރާއީ ވިދާޅުވި ގޮތުގައި، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އަށް ވެސް ފޮޓޯތަކާއި ކަނޑޫގެ ހާލަތު ހިއްސާ ކުރައްވާނެ އެވެ.

“އަޅުގަނޑުމެން ނޭދެން މި ކަނޑޫފާ ހަލާކުވެގެން ދާކަށް. އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް މި ކަނޑޫފަލަށް ހިމާޔަތް ދިނުން. އެހެން ނޫންނަމަ މިއީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ތަރިކައެއް. އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް،” މެންބަރު ރާއީ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވީ، ނޭކުރެންދޫ ކަނޑޫފަލަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށާއި، ކަނޑުފާ މަރުވާ ސަބަބު އަވަހަށް ސާފުކޮށް އެ މައްސަލައަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!