ފިނޭންސް އިމާރާތުގެ މައްސަލާގައި އެޗްޑީސީން 22 މިލިއަން ޑޮލަރުދޭން ޖެހިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާގެ، ވީޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގްރޫޕް އިން، އެޗްޑީސީ އާ ދެކޮޅަށް އޭޝިއަން އިންޓަރނޭޝަން އާބިޓްރޭޝަން ސެންޓަރ އަށް ހުށައެޅި މައްސަލަ އެކުންފުނިން ކާމިޔާބުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް ވީޒެޑްއާރާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ކުންފުނިން ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދޭތީވެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށައެޅީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފައިސާ ނުލިބޭތާ ދެ އަހަރު ވަނީ ވެފައެވެ. ކުންފުނިން އިންވޮއިސް ފޮނުވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުއެވެ.

މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޖުލައި މަހުގެ ފަސްވަނަ ދުވަހު އާބިޓްރޭޝަނުން އެ މައްސަލަ ނިންމީ 2018 ވަނަ އަހަރުގެ މެއި މަހު އެ ކުންފުނިން އެޗްޑީސީ އަށް ފޮނުވި އިންވޮއިސް އަށް ވާ، 22,823,432.68 (ބާވީސް މިލިއަން އަށްލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ ތިރީސް ދެ) ޑޮލަރު ހަތް ދުވަސް ތެރޭގައި ދެއްކުމަށެވެ. ފައިސާ ދައްކަން އަމުރުކޮށްފައިވަނީ އަހަރެއްގެ މައްޗަށް އިންޓްރެސްޓް ރޭޓަށް އަރާ 6.5 އިންސައްތައާ އެކުއެވެ.

އެޗްޑީސީން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ހޯދަން މެލޭޝިޔާގެ ފޮރިން މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ފައިސާ ހޯދަން އެދޭނެ ކަމަށް ވީޒެޑްއާރްގެ އެކްޒެކްޓިވް ޑިރެކްޓަރ ވެން ނަޑްޒީރާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ.

އޮފީސް އިމާރާތުގެ މަސައްކަތް ފަށަން ޖެހޭނީ ލޯނު ހަމަޖެހުނީމާ ކަމަށް އެއްބަސްވުމުގައި އޮންނަ ކަމަށާއި އެކަމަކު ލޯނު ހަމަނުޖެހެނީސް މަސައްކަތް ފަށާފައި އޮތް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކުރީ ސަރުކާރުގެ އިހުމާލެއް ކަމަށް ކަމަށާއި އެހެންވެ އެ ފައިސާ ލިބެން ޖެހޭނެ ކަމަށް މެލޭޝިއާ ކުންފުނިން ބުނާ ކަމަށް ސުހައިލް ކުރިން ވިދާޅުވެފައިވެ އެވެ.

އޮފީސް އިމާރާތް މާލޭގައި ހެދުމަށް ނިންމައި އެ ބިމުގައި ހުރި ބައެއް އިމާރާތްތައް ތަޅައި، ބިން ވެސް ސާފުކުރި އެވެ. އެކަމަކު ފަހުން ހުޅުމާލޭގައި އެތަން އަޅާން ނިންމީ، މާލޭގައި އެފަދަ ބޮޑު އިމާރާތެއް ހަދާއިރު ދިމާވާނެ ދަތިތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މި މަޝްރޫއަށް ލޯނު ލިބުމުގައި މައްސަލަ ޖެހި، އިމާރާތް އެޅުން އޮތީ ހުއްޓިފަ އެވެ.

“ޔޫ ބިލްޑިންގް”ގެ ނަމުގައި ފިނޭންސްގެ އާ އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. މި ފައިސާ ސަރުކާރުން ދައްކާ ގޮތަށް އޮތީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!