ކުރީގެ ލޯބިވެރިޔާއާ އަލުން ގުޅެން ބޭނުންތަ؟ މީތި ކިޔާލަބަލަ!

ލޯބިން ގުޅިގެން އުޅޭ ދެމީހުން ވަކިވުމަށްފަހު، އެ ގުޅުމުގައި ހެދުނު ގޯސްތަކާމެދު ދެމީހުންނަށް ވެސް ވިސްނޭނެއެވެ. އަދި ބައެއް ފަހަރު މިގޮތަށް ވިސްނާއިރު، އެ ގުޅުން ނިންމައިލުމަކީ ރަނގަޅު ގޮތް ނޫން ކަމަށްވެސް ހީވެދާނެއެވެ. އެއާއެކު، ކުރީގެ ލޯބިވެރިޔާއަށް އަލުން ފުރުސަތެއް ދީ، އެކުގައި އުޅުމަށް ސިކުނޑި ވިސްނައިދޭނެއެވެ.

އެހެންކަމުން، ކުރީގެ ލޯބިވެރިޔާއާ ދެވަނަ ފަހަރަށް ގުޅުމުގެ ވިސްނުން ގެންގުޅޭނަމަ، މި ކަންތައްތަކާމެދު ފިކުރު ކޮށްލުން ރަނގަޅު ވާނެއެވެ:

1. އިހުތިރާމު އަދިވެސް އެބައޮތްތަ؟

އާއްމު ގޮތެއްގައި ގުޅުމެއް ނިމޭއިރު، ދެމީހުން ދެމީހުންނަށް ކުރާ އިހުތިރާމުވެސް އޮންނާނީ ނިމުމަކާ ހަމައަށް އައިސްފައެވެ. ނަމަވެސް ދެކޮޅުން ވެސް އެ އިހުތިރާމު އޮތް ނަމަ، ދެވަނަ ފުރުސަތެއް ދިނުމަކީ ގޯސް ވިސްނުމެއް ނޫނެވެ.

2. އާއިލާއާ އެކުވެރިން ދެކެނީ ކިހިނެއް؟

ކުރީގެ ލޯބިވެރިޔާއަކީ ތިބާގެ އާއިލާއާއި ގާތް އެކުވެރިންނަށް ކަމުދާ މީހެއް ވިޔަސް، ތި ދެމީހުން ރުޅިވުމުން އެމީހުން ވެސް އޭނާދެކެ ފޫހިވާން ފަށާނެއެވެ. ހަމައެހެންމެ، އެއީ ގޯސް މީހެއްނަމަ، އާއިލާއާއި ގާތް އެކުވެރިން އެކަން ފާހަގަވެސް ކުރާނެއެވެ. އެހެނަސް، ތި ދެމީހުން ރުޅިވުމަށްފަހުވެސް، އެމީހުންނަށް އޭނާ ކަމުދާނަމަ، ގޯސް ހެދުނީ ތިބާއަށް ކަމަށް ވުން ގާތެވެ. އެހެންކަމުން، އޭނާއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށް އާ ފެށުމަކުން ގުޅުން ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެދާނެއެވެ.

3. އޭނާއާއެކީ އާ ފެށުމަކުން ފަށަން ހިތްވަރު އެބަހުރިތަ؟

ގުޅުން އަލުން ފަށާއިރު، ކުރިންވެސް ދިމާވި ކަހަލަ މައްސަލަތައް ދިމާވެދާނެ ކަމަށް ބަލަން ވާނެއެވެ. އަދި ނަފްސާނީ ގޮތުން ތިބާ އެކަމަށް ތައްޔާރުތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ.

4. ރަނގަޅު ސިފަތަކާއި ގޯސް ސިފަތަކުގެ ލިސްޓެއް ހެދުން

ތިންވަނަ ސުވާލުގެ ޖަވާބާމެދު ޔަޤީން ނުވާނަމަ، މިހެން ހަދާށެވެ. ކުރީގެ ލޯބިވެރިޔާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއި ގޯސް ސިފަތައް ވަކިކޮށް، ލިސްޓެއް ތައްޔާރު ކުރާށެވެ. އޭގެތެރެއިން ރަނގަޅު ސިފަތައް، ގޯސް ސިފަތަކަށް ވުރެ ގިނަ ވާނަމަ، ކުރީގެ ލޯބިވެރިޔާއަށް ދެވަނަ ފުރުސަތެއް ދެވިދާނެއެވެ. ނަމަވެސް ބައެއް ކަހަލަ ގޯސް ސިފަތަކަކީ، އެތައް ސަތޭކަ ރަނގަޅު ސިފައާވެސް ނުބައްދަލު ސިފަތަކެވެ. އޭގެތެރޭގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، އަނިޔާވެރިވުން ހިމެނެއެވެ.

5. އޭނާއާ ނުލައި ދިރިއުޅުން މާ އުފާވެރިތަ؟

އޭނާ ދިޔަފަހުން ދިރިއުޅުން މާ އުފާވެރިވެފައި، ބޯ ހާސްކަން ފިލާފައިވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ، ދެވަނަ ފުރުސަތެއް ނުދެއްޗެވެ. ނަމަވެސް އޭގެ ބަދަލުގައި، އޭނާއާ ވަކިވުމުން ކުރެވޭ ހިތާމަ މާ ބޮޑުވެފައި، ދިރިއުޅުމުގެ އެހެން ކަންކަމަށް އަސަރު ކުރަން ފަށާނަމަ، އެއީ އެކުގައި އުޅެންޖެހޭ ކަމުގެ ނިޝާނެކެވެ.

6. އެކަނިވެރިކަން އިހުސާސްވުމަކީ ރަނގަޅު ސަބަބެއް ނޫން

އެކަނިވެރިކަން އިހުސާސްވާތީއޭ ކިޔާފައި ކުރީގެ ލޯބިވެރިޔާއާ އަލުން ނުގުޅެއްޗެވެ. އެކަނިވެރިކަން ފިލުވަން އިތުރު ގޮތް ގޮތް ވެސް ހުންނާނެއެވެ. މިގޮތަށް އެކަނިވެރިވުމުންނޭ ކިޔާފައި އަލުން އޭނާއާ ގުޅުމުން އޭގެން ނުކުންނަ ނަތީޖާ މާ ހިތިވެސް ވެދާނެއެވެ.

7 ލޯތްބަކީ ހުރިހާ އެއްޗެއް ނޫން!

ކިތައްމެ ލޯބިޔަސް، އޭނާގެ ކިބައިގައި ރަނގަޅު ސިފަތަކެއް ނެތިއްޔާ އެކީގައެއް ނޫޅެވޭނެއެވެ. ދިރިއުޅުމުގައި ހަމައެކަނި މުހިއްމީ ލޯތްބެއް ނޫނެވެ. އެއަށްވުރެ ބޮޑެތި ޒިންމާތަކެއް ވާކަން ހަނދުމަ ކުރަންވާނެއެވެ.

  1. ރަނގަޅު… އުންމީދު ކުރަނީ ބިޓާ ރުޅިވާނެކަހަލަ
    ކޮންމެސް ލިޔުމެއް ގެނެސްދޭނެކަމަށް….🙏

    0
    3

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!