ސޮނާކްޝީ ހިކުނު ގޮތުގެ ވާހަކަ

2010 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާ ސޮނާކްޝީ ސިންހާ އަކީ، އެހެން ބަތަލާއިންނާ ޚިލާފަށް ހަށިގަނޑު ލޫޅާފަތިކޮށް ހުރި ތަރިއެއް ނޫނެވެ. އޭނާގެ ފުރަތަމަ ފިލްމު ނުކުތްއިރު ވެސް، ސޮނާކްޝީގެ ހަށިގަނޑު ހުރީ އެންމެ ފުރިހަމައަކަށް ނޫނެވެ. ނަމަވެސް އޭގެކުރިން އޭނާ ވަނީ 30 ކިލޯ ލުއިކޮށް، ވަރަށް ބޮޑަށް ހަށިގަނޑު ހިއްކާލާފައި ކަމަށް ސޮނާކްޝީ ބުންޏެވެ.

“އަހަރެން އެންމެ ކުރިން ހުރި ގޮތާ ބަލާފަ ފުރަތަމަ ފިލްމުގަ އަހަރެން ހިކިވާނެ. އެކަމަކު އެގޮތްވެސް އާއްމުންނަކަށް ބަލައެއް ނުގަނެވުނު. ވަރަށް ގިނަ މީހުން މަލާމާތްކޮށް ހެދި، އެހެން ބަތަލާއިންހާ ލޫޅާފަތި ނުވީމަ”، ފަހުގެ އިންޓަވިއުއެއްގައި ސޮނާކްޝީ ކިޔައިދިނެވެ. މީގެ އިތުރުން ސޮނާކްޝީ ބުނީ، އޭނާ ސްކޫލުގައި އުޅުން ދުވަސްވަރު 95 ކިލޯ ހުންނާނެ ކަމަށާއި، އޭރު ފަލަކަމުން ސްކޫލުގައި އުޅުނު ފިރިހެން ކުދިންވެސް ފާޑުފާޑު ނަމުން ގޮވައި ހެދި ކަމަށެވެ.

ބޮލީވުޑަށް ނުކުތުމުގެ ފަސް ވަރަކަށް އަހަރު ކުރިން ސޮނާކްޝީ ޖިމަށް ދާން ފެށީ، ކޮންމެހެން މީހާގެ ސިފަ ރީތި ކުރަން ނޫން ކަމަށާއި، އޭރު ޖިމަށް ދިޔުމަކީ “ކޫލް” ކަމަކަށް ވެފައި އޮތުމުން ކަމަށެވެ. އަދި އުމުރުން 18 އަހަރުގައި ޖިމަށް ދާން ފެށިއިރު، ކަސްރަތު ކުރަން ވެސް އުނދަގޫވާހާ މިންވަރަށް ފަލަ ކަމަށް ބުންޏެވެ. “ދުވާ މެޝިނަށް އަރައިގެން 30 ސިކުންތު ވަންދެން ވެސް ނުދުވެވޭ އަހަންނަކަށް. ވަގުތުން މީހާ ވަރުބަލިވެ، ނޭވާލާން އުނދަގޫވާނެ”، އެންމެ ފުރަތަމަ ފަހަރަށް ހިކެން އަޒުމް ކަނޑައެޅީ އެހިސާބުން ކަމަށް ސޮނާކްޝީ ބުންޏެވެ. “ކޮންމެހެން އެކްޓަރަކަށް ވާހިތުންނެއް ނޫން. އެކަމަކު އެވަރު ވީމަ އަހަންނަށް ވިސްނުނީ އަހަރެން ހިކެން އެބަޖެހޭކަން”، އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން 33 އަހަރުގެ ބަތަލާ ބުނީ، އޭނާ ހިކެން ނިންމީ ކޮންމެހެން ބޮލީވުޑުގެ މިންގަނޑުތަކަށް ފެތެން ނޫން ކަމަށާއި، އަމިއްލަ ސިއްޙަތަށް ވިސްނާފައި ކަމަށެވެ. އަދި ސޮނާކްޝީ އެންމެ އިންސްޕަޔާ ވީ އޭނާގެ ފުރަތަމަ ފިލްމުގެ ބަތަލު، ސަލްމާން ޚާންގެ ފަރާތުން ކަމަށްވެސް ބުންޏެވެ.

ދުޅަހެޔޮކޮށް ހުރުމަށް ސޮނާކްޝީ އެންމެ އާއްމުކޮށް ކުރާ އެއް ކަސްރަތަކީ ޕިލާޓީސް ކަމަށް ބުންޏެވެ. އަދި ކޮންމެ ދުވަހަކު ހޭލާގޮތަށް ހުސް ބަނޑާ ހުރެގެން 30-45 މިނެޓުގެ ކާޑިއޯ ޖައްސާ ކަމަށާއި، އޭގެފަހުން 20 މިނެޓު ވަންދެން ހިނގާ ކަމަށް ސޮނާކްޝީ ކިޔައިދިނެވެ. ހަމައެހެންމެ، ސޮނާކްޝީގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ދުޅަހެޔޮ އުސޫލުތަކަކަށް ވަނީ ބަދަލު ކޮށްފައެވެ. “ދުޅަހެޔޮކޮށް އުޅެން ފެއްޓީ ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ވެސް ކުރިން”.

ދުޅަހެޔޮ ދިރިއުޅުމެއް އުޅެން ފެއްޓި ފަހުން ސޮނާކްޝީ ވަނީ ޖަންކް ފުޑާ މުޅިން ހެން ދުރުވެފައެވެ. އަދި ޙާއްސަކޮށް ޕާނާއި، ހަކުރު ހިމެނޭ ބާވަތްތަކާއި، ތެލުލި އެއްޗިއްސާ ވަކިން ބޮޑަށް ދުރުގައި އުޅެވޭތޯ ބަލާކަމަށް ސޮނާކްޝީ ބުންޏެވެ. “ޗީޓު މީލް” ގެ ގޮތުގައި ކަނީ ހަމައެކަނި ޕިއްޒާ ކަމަށާއި، އެވެސް ކަނީ ވަރަށް މަދުން ކަމަށް ބުންޏެވެ. އަދި ލުއި ކެއުމެއްގެ ގޮތުގައި އިޚްތިޔާރު ކުރަނީ ނަޓްސް ނުވަތަ ދޮންކެޔޮ ކަހަލަ ކާލަން ފަސޭހަ މޭވާއެއް ކަމަށް ބުންޏެވެ.

އެންމެފަހު ވާހަކައަކަށް ސޮނާކްޝީ ބުނީ، މީހުން ކިޔާ އެއްޗިއްސާ ދޭތެރޭ ނުވިސްނަން ވަރަށް މަސައްކަތް ކުރާ ކަމަށާއި، އޭނާ މިހާ ހިސާބަށް އަންނަން ކޮށްފައިވާ ބުރަ މަސައްކަތް އެހެން މީހަކަށް ނޭނގޭނެ ކަމަށެވެ. “ނެގަޓިވް ކޮމެންޓުތަކާއި ޖޯކުތަކަށް އަހަންނެއް ނުބަލަން. އެމީހާގެ އަމިއްލަ ނަފްސުދެކެ ލޯބިކުރަން ދަސްވީމަ ވަރަށް ފަސޭހަ ވާނެ ދިރިއުޅެން”، ސޮނާކްޝީ ފާހަގަކުރިއެވެ. އަދި އެހެން މީހުންނަށް ދޭން އޮތް ނަސޭހަތަކީ ވެސް އެއީ ކަމަށް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!