ސުޝާންތުގެ އެންމެ ފަހު ފިލްމުގެ ޓްރެއިލާ އަސަރުގަދަ

ސުޝާންތު ސިންގުގެ މަރަށްފަހު ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ އެއްދުވަހަކީ މިއީއެވެ. ސުޝާންތުގެ އެންމެ ފަހުގެ ފިލްމަށް ވެގެންދާނެ ފިލްމު ދިލް ބެޗާރާގެ ޓްރެއިލަރ މިއަދު މިވަނީ ރިލީސްކޮއްފައެވެ. އެތަށް ބޮލީވުޑުގެ ފިލުމުތަކަކަށް ގޮންޖަހާލާ އެތަށް ރިކޯޑުތަކެއް މުގުރާލި މި ޓްރެއިލާ ބަލާލުމުން ގައިން ހީބިހި ނަގައިގެންދިޔަކަމަށް އެތަށް ފޭނުންނެއްވަނީ ބުނެފައެވެ.

ކެންސަރު ޖެހި ދިރިއުޅުން މަތިން މާޔޫސް ވެފައިވާ އަންހެންކުއްޖެއްގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ކުރާ މަސައްކަތް ދައްކުވައިދޭ މިފިލުމުގެ ޓްރެއިލާގައި ސުޝާންތުގެ އެ ރީތި ހިނިތުންވުން ވަނީ އޭނާގެ ފޭނުން ހެއްވާލާފައެވެ. އެހެން ނަމަވެސް ދެން އެ ހިނިތުންވުން އިތުރަށް ނުފެންނާނެކަން ހަނދުމަވެ ދެރަވި ކިތަންމެ ބަޔަކުވެސް ތިއްބެވެ.

” އުފަން ވާންވީމަ އަދި މަރުވަންވީމަ އަހަރެމެންނަކަށް ނޭނގޭނެއެވެ. އެކަމަކު ދިރިއުޅޭނެ ގޮތް ނިންމާނީ އަހަރެމެންނެވެ.” މިއީ ފިލުމުގެ ޓްރެއިލާގައި ސުޝާންތު ބުނެފައި އިންނަ ބަސްކޮޅެކެވެ. އަޑުއިވުމުން ގިނަ ބަޔަކަށް އަސަރުކުރުވި މި ބަސްކޮޅު މިއަދުގެ ޙާލަތާ ގުޅުވާ ސުޝާންތުގެ ގިނަ ފޭނުންދަނީ ތަފާތު ހިލާލުތަށް ފައުޅު ކުރަމުންނެވެ.

މި ފިލުމުގެ ޓްރެއިލާ ރިލީސްކޮއްފައިވަނީ ފޮކްސް ސްޓަހިންދީ ޔޫޓިއުބު ޗެނެލުގައެވެ. އަދި ފިލްމު ރިލީސްކުރަނީ އޮންލައިންކޮށް  ޖުލައިމަހުގެ 26ވަނަ ދުވަހު ހޮޓްސުޓާގެ އޮފިޝަލް އެޕުގައެވެ. ފިލުމުގެ ޓްރެއިލާއަށް ލިބުނު ތަރުޙީބަށްވުރެ ބޮޑު ތަރުޙީބެއް ފިލުމަށްލިބި ގިނަ ރިކޯޑްތަކެއް މުގުރާލާނެކަމަށް ސުޝާންތުގެ ފޭނުން ޤަބޫލުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!