އޭސީސީގެ ހާއްސަ އޮޑިޓެއް ހަދަން ފާސްކޮށްފި

އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހާއްސަ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިނިވަން މުއްސާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވާ މައްސަލައަކީ، އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅައިފައިވާ ސިޓީގެ މައްސަލައެވެ.

ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީންވީ އެންމެ އެއް ބޮޑު ވައުދަކީ، ކުރީ ސަރުކާރުން ހިންގި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަމުގެ ވައުދު ކަމަށެވެ. އެެގޮތުން އޭސީސީގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ގޮސްފައިވާ ހިސާބު މަޖިލީހުން ބަލައި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ސިޓީގައި ހަސަން ލަތީފު ވަނީ އެދިވަޑައިގެންފައެވެ.

އެމައްސަލައަށް ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މެމްބަރުން ވަނީ، އޭސީސީންގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް ބުނެ، އޭސީސީގެ މެމްބަރުންނަށްް ނުރުހުންފާޅުކޮށް ވާހަކަ ދައްކަވާފައެވެ.

އެ މައްސަލަ އަށް މަޝްވަރާ ކުރުމަށް މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި ބިލެއްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހުން އޭސީސީ އަށް އައްޔަން ކުރެއްވި މެންބަރުން ޖިނާއީ މައްސަލަތަކަށްވުރެ ބޮޑަށް ބަލާފައި ވަނީ އިދާރީ މައްސަލަތައް ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި 719 މައްސަލަ އޭސީސީން ނިންމާފައިވާއިރު 707 މައްސަލަ އެއް ނިންމާފައިވަނީ އެ މައްސަލަތަކުގައި ކޮރަޕްޝަންގެ އަމަލުތައް ނުހިމެނޭ ގޮތަށް ކަމަށެވެ. ސަބަބެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ދޮންބިލެއް ވިދާޅުވީ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތުން ކަމަށެވެ.

“މި އަޅުގަނޑުމެން ސަރުކާރުން އަލަށް ލީ ހުރިހާ މެމްބަރުން ފެއިލްވެއްޖެ،” ދޮންބިލެއް ވިދާޅުވިއެވެ.

އިނގުރައިދޫ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވީ، އޭސީސީ ވަނީ ގާނޫނާއިވެސް ހިލާފުވެފައި ކަމަށެވެ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށެވެ. އަދި އެ ކޮމެޓީން މީގެކުރިން އޭސީސީގެ މެންބަރުންނާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސާ ދެއްވި ޖަވާބުތަކާއި ގުޅިގެންވެސް ވިސާމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

ކޮމިޓީގެ ބައެއް މެމްބަރުން ވަނީ އޭސީސީގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށްވެސް މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އެކަމަށް ކޮމެޓީގެ ބައެއް މެންބަރުންގެ ތާއީދެއް ލިބިފައި ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!