IruOnline

ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ބަދަލު ދެނީ

2010 ވަނަ އަހަރު ޖީޑީޕީ ކުންފުންޏާއި ހަވާލުކޮށް ހިއްކައިގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ތަރައްގީ ކުރި ގުޅިފަޅުގެ ފްލެޓުތަކަށް ފައިސާ ދައްކާފައި ތިބި މީހުންނަށް ބަދަލުގައި ބޯހިޔާވަހިކަމުގެ އެހެން ފުރުސަތެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ގުޅީފަޅު ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ފަހު ގެއްލުން ލިބުނު 140 ފަރާތެއް ތިބި ކަމަށާއި މި 140 ފަރާތްތަކާ އެކީ ސަރުކާރުން އެއްބަސްވުންތަކެއް ކުރިއަށް ގެންދާ ކަމަށެވެ. ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމުގެ ގޮތުން ގޮތްތަކެއް ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ގެއްލުން ލިބުނު ފަރާތްތަަކަށް ބަދަލެއްގެ ގޮތުގައި ކޮމްޕެންސޭޗަންއެއް ދިނުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހައުސިން ޔުނިޓް ނުލިބުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދަށް ބަދަލެއްގެ ގޮތުގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތިން އަހަަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު 12000 ރުފިޔާ ގެ ކޮމްޕެންސޭޝަނެއް ދިނުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ޖުމްލަ 432،000 ރުފިޔާ 36 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކަށް 12000 ރުފިޔާ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއެކު ހައުސިން ޔުނިޓް ގަތުމަށް ދެއްކި ފައިސާއިން ގެއްލުންވުމުން ބަދަލުގެ ގޮތުގައި ދޭ 432،000 ރުފިޔާ އުނިކުރުމަށް ފަހު ބާކީ ފައިސާ އަލަށް ލިބޭ ހައުސިން ޔުނިޓަށް 20 އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް އަލަށް ލިބޭ ހައުސިން ޔުނިޓްގެ ކަންކަން ހަމަޖެއްސޭނެ އިންތީޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ހައުސިން ޔުނިޓް ބޭނުން ނުވާ ފަރާތަތަކުގެ ތެރެއިން 3 ކޮޓަރީގެ ހައުސިން ޔުނިޓެއް ބޭނުންވާ ފަރާތްތަކަށް 3 ކޮޓަރީގެ ހައުސިން ޔުނިޓެއް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 2 ކޮޓަރީގެ ތަން ބޭނުންނުވެ 3 ކޮޓަރީގެ ތަން ބޭނުންވާ ފަރާތްތަކަށް ކޮމްޕެންސޭޝަންގެ ގޮތުގައި އިތުރު ފައިސާއެއް ނުދެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން 3 ކޮޓަރީގެ ތަނެއް ގަތުމަށް ސަރުކާރުން ހަމަޖައްސައި ނުދެވިއްޖެ ނަމަ، އެ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ހިނގާ މަސްތަކަށް ކޮމްޕެންސޭޝަންގެ ގޮތުގައި މަހަކު 12،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން ގުޅީފަޅުން ހައުސިންގް ޔުނިޓެއް ގަތުމަށް ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް ބަދަލުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އެއް ހައުސިން ޔުނިޓެއް ލިބޭނެ ގޮތެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހައުސިން ޔުނިޓެއް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި އަދި އެ ހައުސިން ޔުނިޓް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގުލީފަޅުން ހައުސިން ޔުނިޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ހަމަޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!