IruOnline

ޖިންސީ ގޯނާއާ ބެހޭގޮތުން ދަރިފުޅު ހޭލުންތެރިކުރުވާނީ ކިހިނެއް؟

ޖިންސީ ގޯނާއާއި ރޭޕް މިވަނީ މި ޤައުމުގައި ވަރަށް ބޮޑަށް އާއްމުވެފައެވެ. ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް މިކަމާ ގުޅޭ ފަލަސުރުޚީތައް ނޫސްތަކުން ފެންނަމުން ދެއެވެ. އަދި ޖިންސީ ގޯނާ ކުރާ މީހުން، އެ ހަޑިމުޑުދާރު އަމަލު ހިންގުމުގައި ވަކި އުމުރަކަށް ބެލުމެއްވެސް ނޯވެއެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް، އެންމެ ކުޑައިރުން ފެށިގެން ޖިންސީ ގޯނާއާ ބެހޭ މަޢުލޫމާތުދީ، އެކަމުން ރައްކާތެރިވެ ތިބުމަށް ދަސްކޮށްދޭން ޖެހެނީ މި ސަބަބާހެދިއެވެ.

އެހެންކަމުން، މި ފަހަރު ކުރު ގޮތަކަށް މި ކިޔައިދެނީ، ކުޑަކުދިން ޖިންސީ ގޯނާއަށް ހޭލުންތެރިކުރުވާނެ ގޮތްތަކެވެ.

 1. އިތުބާރު

ފުރަތަމަ ކަމަކަށް، ދަރިންގެ އިތުބާރު ހޯދުމަކީ މައިންބަފައިންނަށް މުހިއްމު ކަމެކެވެ. އޭރުން، ނޭދެވޭ ކަމެއް ދިމާވުމުން، އެވާހަކަ ކިޔައިދޭނެ ފަރާތެއް ހުރިކަން ދަރިފުޅަށް އިހުސާސްވާނެއެވެ. އަދި މީހެއްގެ ފަރާތުން ގޯނާއެއް ކުރިމަތިވުމުން، އެކަން ސިއްރު ނުކޮށް، ޖެހިލުމެއްނެތި ކިޔައިދޭނެއެވެ. އެހެންކަމުން، ދަރިފުޅު ކައިރީގައި އޭނާގެ ދުވަސް ދިޔަގޮތާއި، އޭނާގެ އިހުސާސްތައް އަހައި އޮޅުންފިލުވާށެވެ. އަދި ތިބާއާއެކީ ހުންނަ އިރު، ދަރިފުޅަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދޭން ވާނެއެވެ. އެއްގޮތަކަށްވެސް ދަރިފުޅާ ދިމާއަށް ބާރުބާރަށް ހަޅޭއްލަވައި ނުހަދައްޗެވެ. މިއީ މައިންބަފައިންދެކެ ދަރިފުޅު ޖެހިލުންވާން ދިމާވާ އެންމެ ބޮޑު ސަބަބެވެ. ނަތީޖާއެއްގެ ގޮތުން، ޖިންސީ ގޯނާފަދަ ކަމެއް ދިމާވިޔަސް، އަމިއްލަ މީހާ ކުށްވެރިވެދާނެ ކަމުގެ ބިރަށް އެކަންތައްތައް ސިއްރު ކުރާނެއެވެ. އޭގެ ބަދަލުގައި، ދަރިފުޅަށް ރައްކާތެރި މާޙައުލެއް އުފައްދައިދޭށެވެ.

2. ހަށިގަނޑުގެ ވެރިފަރާތަކީ ހަމައެކަނި ދަރިފުޅު

ދަރިފުޅުގެ ހަށިގަނޑުގައި އިތުރު އެއްވެސް މީހަކަށް އަތް ނުލެވޭނެކަން ކިޔައިދޭށެވެ. އެއީ ކިތައްމެ ގާތް މީހެއް ވިޔަސް، އެކަން އޮންނާނީ އެގޮތަށް ކަމަށް ބުނަން ވާނެއެވެ. ސަބަބަކީ، ދަރިފުޅުގެ ޖިސްމުގެ ވެރިފަރާތަކީ ހަމައެކަނި އޭނާ ކަމަށްވާތީކަން އޮޅުންފިލުވައިދޭށެވެ.

3. އެއްގޮތަކަށްވެސް އަތް ނުލެވޭނެ ތަންތަން ކިޔައިދީ

ދަރިފުޅަށް ކިރިޔާވެސް ވާނުވާ އެނގޭ ހިސާބުން، އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން، ދެވަނަ ފަރާތަކަށް އަތް ނުލެވޭނެ ތަންތަން ކިޔައިދޭށެވެ. މިކަމުގައި، އުމުރާ ގުޅޭގޮތަށް ތަސްވީރު ބޭނުންކޮށްގެން ވެސް ކިޔައިދެވިދާނެއެވެ. ހަމައެހެންމެ، އެހެން މީހަކު ދަރިފުޅު ލައްވައި އެމީހެއްގެ ހަށިގަނޑުގައި އަތްލުވުމަކީ ވެސް ގޯހެއް ކަމުގައި ބުނަންވާނެއެވެ. ސަބަބަކީ، ގިނަ ފަހަރަށް ކުޑަކުދިންނާ ބެހޭ މީހުން އެ އުކުޅުވެސް ގެންގުޅޭތީއެވެ.

4. މަންމައަށް/ ބެލެނިވެރިޔާއަށް ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ

ކުޑަކުދިންނާ ބެހޭ މީހުންގެ ފުރަތަމަ އުކުޅަކީ، އެކުއްޖަކު “ގްރޫމް” ކުރުމެވެ. އެގޮތުން، އެކުއްޖާއާ އެކުވެރިކަން ބަދަހިކޮށް އެމީހާ އެކުރާ ކަންތައްތަކީ ރަނގަޅު ކަންތައްތައް ގޮތުގައި އެކުއްޖާއަށް ވިސްނައިދޭން އުޅޭނެއެވެ. ހަމައެހެންމެ، އެމީހާ ކުރާ ކަންތައްތަކަކީ ސިއްރެއް ކަމަށާއި، އެހެން މީހަކަށް އެނގިޖިއްޔާ އެކުވެރިކަން ނެތިދާނެ ކަމަށްބުނެ، ނަފްސާނީ ގޮތުން އެކުއްޖާގެ ސިކުނޑިއާ ކުޅެލައެވެ. އެހެންކަމުން، ދަރިފުޅަށް ވިސްނައިދޭން ވާނީ، މަންމައަށް ނުވަތަ ބައްޕައަށް، ނުވަތަ ބެލެނިވެރިޔާއަށް ސިއްރު ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. މީގެ އިތުރުން، “ޗައިލްޑް ގްރޫމް” ކުރާ މީހުން، އެކުއްޖާގެ ބެލެނިވެރިންގެ އިތުބާރު ހޯދަންވެސް އުޅޭނެއެވެ. މިކަންކަމާ ސަމާލުވެގެން ތިބުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.

5. ޅަ އުމުރުގައި، އެކަނި އިންޓަނެޓަށް ވަނުމަށް ހުއްދަ ނުދީ!

މި ޒަމާނުގައި ކުޑަކުދިންނާ ބެހޭ މީހުން، އެކުދިންނާ ގުޅުން ބަދަހި ކުރަން ބޭނުންކުރާ އާއްމު ވަސީލަތަކީ އިންޓަނެޓެވެ. އެހެންކަމުން، އެއްވެސް ބެލެނިވެރިއަކު، ދަރިން އެކަނި ތިބެގެން އިންޓަނެޓު ބޭނުން ކުރުމުގެ މިނިވަންކަން ދީގެން ނުވާނެއެވެ. އަދި ފުރާވަރަށް އެޅުމުން އެ ހުއްދަ ދިނަސް، ވަކި އުސޫލަތަކަކާއި މިންގަނޑުތަކެއް ގެންގުޅެން ވާނެއެވެ. ކިރިޔާވެސް ޝައްކު އުފެދޭ ކަމެއް ފެންނަ ނަމަ، ވަގުތުން ފިޔަވަޅު އަޅަން ވާނެއެވެ.

މި ޖީލުގެ އެތައް ބައެއް ވަނީ ޅަ އުމުރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ގޮސްފައެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި މިކަން މަދުކުރުމަކީ، ބެލެނިވެރިންގެ ބޮޑު ޒިންމާއެކެވެ. އަދި އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން، ޖީލުގެ ކުދިންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދޭން އެބަޖެހެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!