15 އަހަރުގެ ދަރިފުޅު މަންމަ އަށް ލިޔުނު އަސަރު ގަދަ ސުއިސައިޑް ނޯޓް

” ލޯބިވާ މަންމައަށް. މިނޯޓު ކިއުމުން ތިހިތުގައި އަޅާނެ ވޭން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެން ދެރަވެއެވެ. މަންމާއެވެ. އަހަރެން މިއަދުވެސް މުޅިއުމުރަށްވެސް މަންމަމެންދެކެ ލޯބިވާ ވާހަކަ އަހަރެން ބުނަންބޭނުމެވެ. އަދި އަލުން ދުނިޔެއަށް އަންނަން ފުރުސަތު ލިބިއްޖެނަމަ އަންނާނީވެސް ތި މަންމަގެ ދަރިއެއްގެ ގޮތުގައެވެ. އަދި އުފަންރަށާއި އަހަރެންގެ އާއިލާގެ ގޮތުގައި އެދުވަހަކުންވެސް އަހަރެންބޭނުމީ މިއަދުވެސް މިތިބަ މީހުންތިބޭށެވެ.

އެކަމަކު ދެރައީދެން އެފަދަ ފުރުސަތެއް އަހަރެންނަށް ނުލިބޭނެތީއެވެ.

މަންމާއެވެ. މިއީ އަހަރެން ކުރަން ބޭނުންވެގެން ކުރާ ކަމެއްނޫނެވެ. އަހަރެން ދިރިއުޅުމުގެ ހަނގުރާމައިގައި އަހަރެންނަށް ކުރެވުނު އެންމެ ރަގަނޅަކަށް މަސައްކަތްކުރީމެވެ. ފާއިތުވި 13 މަސްތެރޭގައި އަމިއްލައަށް މި ހަނގުރާމަ ކޮއްކޮށް އަހަރެންގެ ހިއްވަރު ބަލިވެއްޖެއެވެ.

އެކަމަކު އަހަރެންގެ ހިތުގައި އަޅާވޭން މަންމައާއި ބައްޕައަކަށް ދެނެއެއްނުގަނެވުނެވެ. މިކަމުގައި މަންމަމެން ގޯސްކުރާކަށް އަހަރެން ބޭނުމެއްނޫނެވެ.

އެކަމަކު އަހަރެންގެ އިހުސާސްތައް ކުޑަކުޑަ ކޮއްކޮ އަށް އެގެންފެށިއިރުވެސް މަންމަމެންނަށް ނޭގުނިތީ ދެރަވެއެވެ. އެކޮއްކޮގެ ކުޑަކަމުން އަހަރެންނަށް ވަމުންދާ ހުރިހާގޮތެއް ސާފުނުވިޔަސް ކަމެއްވާކަން ދެނެގަތެވެ.

މަންމާއެވެ. މަންމައާއި ބައްޕަ އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް އެނގެއެވެ. އަދި އަހަރެން އެދޭ ހުރިހާކަމެއް ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާކަންވެސް އެގެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އަހަރެންނަކަށް ލޯބި އިހުސާސެއްނުވެއެވެ.

އަހަރެން ބޭނުންވާ ވަރަށްވުރެ އިތުރަށްވެސް ލިބުނެވެ. އަހަރެންގެ ރަހުމަތްތެރިން އަޑުވެސްނާހާ އެތައް ތަނެއް އަހަރެންނަށް މިދުނިޔެއިން ތި މައިންބަފައިންދައްކައިދިނެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ކެތްތެރިކަމެއްނެތި ހޯދި ލޯބި އަހަރެންނަކަށް ނުލިބުނެވެ.

އަހަރެން ބޭނުންވީ އަހަރެންގެ ވާހަކަތައް އަޑުއަހާ އަޅާލާނެ މީހެކެވެ. އަހަރެންގެ ކޮންމެ އިހުސާސެއް ދެނެގަނެވޭފަދަ ގާތް ގުޅުމެއް އުފެދިފައިވާ ލޯބިވާ މިހެކެވެ. އަހަރެން އަހަރެންގެ ގޮތުގައި ބަލައިގަންނާނެ  އާއިލާއެކެވެ.

އުފާކޮށްދިނުމަށްޓަކައި ހޯދައިދޭ އެއްޗެހި އަހަރެންނަކަށް މުހިއްމެއްނޫނެވެ. ބެނުންވީ އެކުގައި އިށީދެ ވާހކަދައްކާލާ އުފާކޮށްލާ، ހީލާ ސަމާސާކޮށްލާ ހިތްގައިމު އާއިލާއެކެވެ.

އަހަރެންގެ ދިރިއުޅުމުގައި މަދުވެފައިވާ ލޯބި އަހަރެންނަށް ހޯދައިދިނީ މަންމަގެ ބޭބެއެވެ. ބޮޑުބޭބެ ޓޯނީ އަހަރެމެންނާއެކު ދިރިއުޅެން ފެށި ހިސާބުން އޭނާ އަހަރެންގެ ހުރިހާ އިހުސާސްތަކެއް ފާހަގަކުރަންފެށިއެވެ.

އަހަރެންގެ އެކަނިވެރިކަން މަންމަ އާއި ބައްޕަގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ނަމަވެސް ދެނެނުގަނެވުނަސް ބޮޑުބޭބެ އަހަރެންގެ އެކަނިވެރިކަން ފިލުވައިދިނެވެ. އަހަރެން މީހަކާ ވާހަކަދައްކާލަން ބޭނުންވާ ކޮންމެ ގަޑިއެއްގައި ބޮޑުބޭބެ އަހަރެންގެ ވާހަކަތައް އަޑުއަހަން އިނދެއެވެ. އަހަރެންގެ ކޮޓަރީގައި ހުންނަ ޓެޑީ ބެއާރ ފަދައިން އެއްޗެއް ނުބުނެ އިނަސް މީހަކު އެވާހަކަތައް އަޑުއަހާތީ އަހަރެން ހިތްހަމަޖެހެއެވެ. އަހަރެންގެ އިތުބާރު ބޮޑުބޭބެ ހޯދީ އެގޮތަށެވެ. އެކަމަކުވެސް އަހަރެން އޭނައަށް އެންމެފުނަށް އިތުބާރުކުރާނެ ހުރިހާކަމެއް ބޮޑުބޭބެ ކުރީ މަކަރުވެރިކަމާއެކުގައެވެ.

މަންމާއެވެ. ބޮޑުބޭބެ އަހަރެންގެ ރޭޕު ކުރިއެވެ. އަދި އެދުވަހަށްފަހު އޭނާ ޖިންސީ އެދުންފުއްދުމަށް ގެންގުޅޭ ކުޅޭއެއްޗެއްފަދައިން ތިންއަހަރު ވަންދެން އަހަރެން ބޭނުންކުރިއެވެ. އަހަރެން ހީކުރީ މަންމައާއި ބައްޕައަށް ކޮންމެވެސްގޮތަކުން އެޝައްކުވާނެކަމަށެވެ. އެކަމަކު އެކަކަށްވެސް އެކަހަލަކަމެއްވާކަން ރޭކާވެސްނުލައެވެ. މީގެ އަހަރެއް ކުރިން ބޮޑުބޭބެ އެހެން ގެއަކަށް ބަދަލުމުންވެސް އަހަރެން އެވާހަކަ ނުދައްކާހުރީ ބޮޑުބޭބެގެ އެ ހަޑި އަމަލުން ކަމުގައިވިޔަސް އަހަރެންނަން މަންމައާއި ބައްޕަގެ ފަރާތުންނުލިބޭ އެކުވެރިކަމެއްލިބޭތީއެވެ. ބޮޑުބޭބެ އަހަރެންނާ ދުރަށްގޮސްދާނެތީ އަހަރެން ބިރުގަތެވެ. އެކަމާ ޝަކުވާ ނުކުރީ އެހެންވެއެވެ.

އެކަމަކު ބޮޑުބޭބެ ކެނެޑާއަށް ފުރި ހިސާބުން އަހަރެންނަށް ލިބުނު އެކަނިވެރިކަމާއި ހިތްދަތިކަމަށް ކެތްކުރަން އުދަނގޫވިއެވެ. އެކަންތައް ތަކުގެ މަތިން ހަނދާންނައްތާލާ އެތަޖުރިބާ ހިތުން ފޮހެލުމަށް އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު އަހަރެންނަކަށް ނުވިއެވެ. އެކަންތަކުގެ ސަބަބުން ސުކޫލުގެ ކިޔެވުމަށް ބުރޫ އަރާ އަހަރެންނަން ދަށް މާރކްސް ލިބެން ފެށުމުން މަންމަ ކިޔަވައިދިނުމަށްޓަކައި ގެއަށް ޓީޗަރަކު ގެނައީމެއްނޫންހެއްޔެވެ.

މަންމާއެވެ. މަންމަ އަމިއްލައަށް އަހަރެންނަށް އެހީވުމުގެ ބަދަލުގައި އެދުވަހު އެކުރި ކަންތައްއެއީ އަހަރެން މިއަދު މިކުރަންއުޅޭ ކަންތައްކުރުމަށް މަޖުބޫރުވިކަމެކެވެ.

އެދުވަހު ގެއަށްގެނައި ޓީޗަރު ފަރާތުން އަހަރެންނަށް ބޮޑުބޭބެ ޓޯނީގެ ފަރާތުން ފެނުނުފަދަ އަޅާލުމަކާއި އޯގާތެރިކަމެއްފެނުނެވެ. އަހަރެންނަށް މުދައްރިސްފެންނަ ކޮންމެތާކުން އޭނަގައިގާ ބައްދާލާ ބޮޑުބޭބެ ދިއުމުން އަހަރެންގެ ދިރިއުޅުމަށްއައިސްފައިވާ ހުސްކަމާއި އެކަނިވެރިކަން ފުއްދަފާނަމޭ ހިތަށްއަރައެވެ.

މަންމާއެވެ. އަހަރެންނަށް މިކަން ކުރަންޖެހުނީއެވެ. އަހަރެންގެ އެކަނިވެރިކަމުންނެވެ. ދުވަހަކުވެސް އަހަރެންގެ ކޮޓަރީގައި އެކަނިމާއެކަނި އެހާ ގިނައިރު އިނދެ ކުރަނީ ކޮންކަމެއްބާއޭ މަންމަ ހިތަށްއެރި ހެއްޔެވެ؟ މަންމައާއި ބައްޕަ ކުރެން އެކަކުވެސް އަހަރެމެންނާ ވާހަކަ ދައްކާލާ ވަގުތު ހޭދަކޮށްލުމަށްޓަކައި ދިރިއުޅުމުން ވަގުތު ހުސްކުރިންހެއްޔެވެ؟

އަދިވެސް މަންމަ ކައިރީ ބުނަންބޭނުން މިކަހަލަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. އެކަމަކު މަންމައަށް އިތުރަށް ވޭނާއި ތަކުލީފުދޭކަން އަހަރެން ބޭނުމެއްނޫނެވެ. ދެންދިމާވި ހުރިހާކަމެއް އަހަރެންގެ ހަށިގަނޑާއެކު ވަޅުލާނީއެވެ.

މަންމާއެވެ. އަހަރެންގެ ކޮއްކޮ ޑޭވިޑު މިފަދަ ހާލަތަކަށް ނުގޮސްވާނެކަން ޔަޤީންކުރައްޗެވެ.

އަދިވެސްބުނަމެވެ. ވަގުތުފާއިތުވުމުގެ ކުރިން ލޯބިވާ ދަރިންނަން ވަމުންދާގޮތް ގާތުންބަލާ އޮޅުން ފިލުވުމަށް ރަހުމަތްތެރިންނާއި އަވައްޓެރިންގެ ގާތުގައިވެސް ބުނެދެއްޗެވެ.

މަންމަމެން ލޯބިވާތީއޭބުނެ ކުރާ ގިނަ ކަނތައްތަކަކީ ކިތަންމެ ލޯބިން ކޮށްދިނަސް އެކަންކަށް އަހަރެމެން ހެދެމުންއަންނަ ކުދިންނަށް އެހާ މުހިއްމު ކަންތަކަކަށްނުވެއެވެ.

މިނޯޓު މަންމަ ކިޔާއިރު އަހަރެން ހުންނާނީ ވަރަށްދުރުގައި ކަމަށްވެދާނެއެވެ. އެކަމަކުވެސް ކޮއްކޮ ޑޭވިޑު ގާތުގައި ހުރީތީ އުފާކުރާށެވެ. އަދި އަހަރެންގެ މައްޗަށް ތިހިތުގައި އޮތްލޯބި ކޮއްކޮއަށްދޭށެވެ.

އަހަރެންގެ ބެންކު އެކައުންޓުގެ ހުރިހާ މައުލޫމާތަކާއި އަދި ފޯނާއި ލެޕްޓޮޕްގެ ޕާސްވޯޑު ޑުރެސިން ޓޭބްލުގެ ކަބަޑުގައި ކުޑަ ކަރުދާސްކޮޅެއްގައި ލިޔެފައި އޮންނާނެއެވެ.

މަންމާއެވެ. ވަރަށް ހަނދާންވެއެވެ. އަހަރެން ކުރަން މިއުޅޭ ކަންތައް ކުރާއިރު ވަރަށް ވޭންއަޅާނެއެވެ. އެހެންނަމަވެސް އެހެންހުރިހާ ކަމެއްފަދައިން މިކަންވެސްކުރަން މަޖުބޫރުވީއެވެ. ބައްޕައާއި ޑޭވިޑު ކައިރީގައި އަހަރެން ލޯބިވާ ވާހަކަ ބުނެދެއްޗެވެ. އަހަރެމެންގެ ފާދިރީކައިރީގައި އޭނާގެ ތަޤުރީރުތަކާއި ދިގުކޮށްކުރާ އަޅުކަންތަށްތަކުގެ މަތިން ހަނދާންވާ ވާހަކަ ބުނައްޗެވެ. ރަހުމަތްތެރިންގާތުގައިވެސް ހަނދާންކޮށް ދެރަނުވުމަށް ބުނެދެއްޗެވެ.

ގުޑްބާއި މަންމާ.”

…….

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތަށް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: “ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ.”

………..

މިއީ 15 އަހަރުގެ އަންހެންކުއްޖަކު އަމިއްލައަށް މަރުވަމުން އޭނާގެ މަންމައަށް ލިޔެފައިވާ ނޯޓެކެވެ. މިނޯޓު ކިޔާލުމުން ފާހަގަކުރެވެނީ ކުދިންނަށް މައިންބަފައިންގެ ލޯބި ފެންނަނީ އެކުދިންނާއެކު ހޭދަކުރާ ވަގުތާއި އުފެދޭ ގާތްގުޅުމުގެ ތެރެއިންކަމެވެ. ބޭނުންވާހާ އެއްޗެއްހޯދައިދީ މުއްސަދި ދިރިއުޅުމެއް ހޯދައިދިނަސް އަދި ކުރިންގެ ދިރިއުޅުން ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ލޯބި އެކުދިންނަށް ނުލިބޭ ކަމެވެ.

ލޯއްބާ އަޅާލުން ނުލިބިއްޖެ ނަމަ ކޮންމެވެސް އެހެން ސިފައެއްގައި އެލޯބި ހޯދުމަށް ކުދިން މަސައްކަތްކުރެއެވެ. އަދި ކޮންމެ ސިފައެއްގައި ލިބުނަސް އެކަން ބަލައިގަނެއެވެ. މި އަންހެން ކުއްޖާއަށްވެސް ގޯސްކަމެއްކަން އެނގިހުރެ އޭނާގެ ބޮޑުބޭބެގެ އެ އަމަލު ލޯބީގެ ގޮތުގައި ބަލައިގަނެވުނެއެވެ.

އަދި އެލޯބިގެއްލުމުން ފަހުން އޭނާއަށް ކުރެވުނު އިޙުސާސްތަކުގެ ސަބަބުން  ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއްއައި ވަގުތުގައިވެސް މައިންބަފައިންގެ އަޅާލުން އޭނާއަށް ނުލިބުމުން އެފިޔަވަޅު އަޅަން މަޖުބޫރުވީކަމަށް މި ނޯޓުގައި ބުނެފައިވެއެވެ.

މިނޯޓު ދިވެހިން ތަރުޖަމާކޮށް ލިޔެފައި އެވަނީ އެކުއްޖާގެ އެ އަމަލު ބަލައިގަންނާތީއެއްނޫނެވެ. މައިންބަފައިންނަށް ހެދޭ އެ ކުޑަކުޑަ ގޯހުގެ ސަބަބުން ދަރިންގެ ވިސްނުމާއި ދިރިއުޅުމަށް އަންނަ ބަދަލު އަންގައިދިނުމުގެ ގޮތުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!