IruOnline
ފޮޓޯ: ދަ ޕްރެސް

ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ބުދަދުވަހަށް ތާވަލުކޮށްފި

ހައިކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވައި މި އަޑުއެހުމަށްފަހު ދެން ބާއްވާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ. ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ފެށުމަށް ނިންމާފައި މިވަނީ ހަތަރު މަސް ފަހުންނެވެ. އަދި ކޮވިޑް19 ގެ ސަބަބުން ކޯޓުތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސް އޮތުމަށްފަހު މިހާރު ކޯޓުތައް ހުޅުވައިގެން މަސައްކަތްތައް ފެށުމަށް ވަނީ ނިންމާފައެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ބާއްވަން ތާވަލްކޮށްފައިވާއިރު ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!