ބޭރުން ކެއުން މަދުކޮށްލާ!

ގޭގައި ކައްކައިގެން ކެއުމަށް ވުރެ ބޮޑަށް ކެފޭ/ރެސްޓޯރަންޓްތަކުން ކާ މީހުން ރާއްޖޭގައި ވެސް ވަރަށް ގިނައެވެ. މިއީ ދިރިއުޅުމަށް އައި ޒަމާނީ ބައެއް ބަދަލުތަކާ އެކު، ފެޝަނަކަށް ވެސް ވެފައި އޮތް ނުރަނގަޅު އާދައެކެވެ. ތިން މަސް ވަންދެން ލޮކްޑައުންގައި ތިބުމަށްފަހު، ކެފޭ/ރެސްޓޯރަންޓުތައް އަލުން ހުޅުވައިލުމާއެކު ފެނިގެން މިދަނީ، އަނެއްކާވެސް ބޭރުން ކައި އުޅޭ މީހުން ގިނަވެފައިވާތަނެވެ. ނަމަވެސް މިއީ ރަނގަޅު އާދައެއް ނޫނެވެ.

ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން އާންމުކޮށް ބޭރުން ކާ ނަމަ ކުޑަކުދިންނާއި އަންހެނުންނަށް އޮތް ނުރައްކާ އެހެން މީހުންނަށް ވުރެ ބޮޑެވެ.

ޖޯޖް ވޮޝިންޓަން ޔުނިވަސިޓީގެ އިންސްޓިޓިއުޓް ސްކޫލް އޮފް ޕަބްލިކް ހެލްތުން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ތައްޔާރުކުރާ ކާނާތަކުގައި ސިއްހަތަށް ނުރައްކާތެރި މާއްދާއެއް ކަމަށްވާ “ތަލޭޓް” އެކުލެވޭ މިންވަރު ވަރަށް މައްޗެވެ. ތަލޭޓްއަކީ ކާނާ ޕްރޮސެސް ކުރެވޭ ގޮތުންނާއި ޕެކެޖް ކުރަން ބޭނުންކުރާ ބާވަތްތަކުގެ ސަބަބުން އަށަގަންނަ މާއްދާއެކެވެ. އަދި މިއީ ހަށިގަނޑުގައި ހިމެނޭ ހޯމޯން އަށް ގެއްލުންދޭ މާއްދާއެއް ވެސް މެ އެވެ.

އެހެންވެ އެ މާއްދާ އެކުލެވޭ ކާނާ ކެވޭ ނަމަ، ވަކިން ހާއްސަކޮށް މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނަ އެވެ.

“ގޭގައި އަމިއްލަ އަށް ކައްކައިގެން ކާއިރު، ތެލޭޓް ކާނާތަކުގައި އަށަގަންނަ މިންވަރު ދަށްވޭ. އެހެންވެ ރައްކާތެރި ގޮތަކީ ބޭރުން ކެއުން މަދުކޮށްލައި ނޫނީ އެއްކޮށް ހުއްޓާލައި ގޭގައި ކައްކައިގެން ކެއުން،” ދިރާސާ ހެދި ޓީމްގައި ހިމެނޭ އެސިސްޓަންޓް ޕްރޮފެސަރު އެމީ ޒޯޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި އަންހެނުން އާންމުކޮށް ބޭރުން ކާ ނަމަ، މާބަނޑު ދުވަސްވަރު ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވުމާ އެކު، ދަރިމައިވުމުގެ ސިއްހަތަށް ވެސް އަސަރުކުރުވަ އެވެ.

“ގިނަ ދުވަހަށް ދެމިގެންދާ ސިއްހީ މައްސަލަތައް ތަލޭޓްގެ ސަބަބުން ކުރިމަތިވުމުގެ ފުރުސަތު ބޮޑު،” އެމީ ވިދާޅުވި އެވެ. “މީގައި ވަކި އުމުރެއް ތަފާތެއް ނެތް. ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް މީގެ ނުރައްކާ އެބަ އޮތް.”

އެހެންކަމުން، ބޭރަށް ނުގޮސް ގޭގައި ތާޒާކަމާއެކު ކައްކާ އެއްޗެހީގެ ފައިދާ މާ ބޮޑުވާނެއެވެ. އަދި މިގޮތަށް ކާއިރުވެސް، ސިއްޙަތަށް ފައިދާވާނެ ކަހަލަ ބާވަތްތައް ބޭނުންކޮށްގެން ކައްކަން އާދަ ކުރައްޗެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!