އަަޅުގަނޑު މިހިރީ ތިޔަބޭފުޅުންނާ އެކު: ޖެންޑާ މިނިސްޓަރު

ޖިންސީގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމުގައި މުޒާހަރާ ކުރާ ފަރާތްތަކާއިއެކު ހުންނެވި ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް މިދުވަސްވަރު ގިނަވުމާ ގުޅިގެން އެކަންކަމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މިއަދު ވެސް ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާ އަންހެނުންނާއި ކުޑަކުދިންނަށް އިންސާފު ލަސްވާތީ އެކަމާ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އަދި ޖިންސީ ގޯނާ ކުރުމާ ރޭޕް ކުރުމާ ދެކޮޅަށް އަދި ކުޑަކުދިން ހިމާޔަތް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާ ކުރާ މީހުންގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި ޒަމާނުއްސުރެން ޖިންސީ ގޯނާއާއި ފުރައްސާރައިގެ ނުރައްކަލުން އަންހެނުންނާއި ކުދިން ހިމާޔަތްކުރުުމުގައި ނިޒާމު ފެއިލްވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަށް އަވަސް އިސްލާހީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. އިޖުތިމާއީ އިސްލާހުން ފެށިގެން ތަހުގީގުކުރުމާއި ދައުވާ ކުރުމާ ހަމައަށް ހުރިހާ ކަމެއް އިސްލާހުވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

“ތިޔަ ބޭފުޅުންގެ ކަންބޮޑުވުން އަޅުގަނޑުވެސް ހިއްސާ ކުރަން. މިހިރީ ތިޔަބޭފުޅުންނާ އެކީ،” އޭނާ ވިދާޅުވި އެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!