IruOnline
ފޮޓޯ: މިހާރު

އިދިކޮޅުން ހިޔާ ފްލެޓްތައް ދައްކާލަން އެދެފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި “ހިޔާ ފްލެޓް” ބަލާލަން ބޭނުންވާތީ އެ ފުރުސަތު ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓްގެ ހައުސިން ޔުނިޓް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެޗްޑީސީން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އޭގެ ފަހުން މީޑިއާގައި އެތަނާ ބެހޭ ގޮތުން ކުރި ރިޕޯޓްތަކަށް އެކި ގޮތްގޮތަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކާ ގުޅިގެން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އެ ކޯލިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އާންމުންގެ މިފަދަ ޝަކުވާތައް ލިބިފައި ވާތީ ހިޔާ ފްލެޓްތައް ބަލައިލަން އިދިކޮޅު ކޯލިޝަނުން ބޭނުންވާ ކަމަށާއި އަންނަ އާދިއްތަ ދުވަހަށް އެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދޭ ކަމަށް ސިޓީގައިވެ އެވެ. އިދިކޮޅުން ބުނީ ފްލެޓްތައް ބަލައިލަން ކޯލިޝަނުން ދާނީ 30 މެމްބަރުންގެ ޓީމެއް ކަމަށެވެ.

ސުހައިލް ވިދާޅުވީ ފްލެޓުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަން އިތުރަށް 45 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 693 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދަން ކޮވިޑް-19 ގެ ކުރިން ވެސް މަސައްކަތް ކުރި ކަމަށާ، ނަމަވެސް ފައިސާ ލިބުން ލަސްވުމުން ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!