IruOnline

ކްލަބްތަކުން ގަރާރު ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަކީ އެފްއޭއެމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާކަމެއް ކަމަށާއި އެކަން ކުށްވެރިކުރާކަމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެފްއޭއެމް އާ ބެހޭގޮތުން މައްސަލައެއް ހުށަހަޅައި ބަހުސްކޮށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައިވާ އިރު، އެ މައްސަލައިގައި ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ވަރުގަދަ އިންޒާރެއް ދީފަ އެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށް ވަނީ މި މައްސަލައިގެ ނުކުތާތަކުގައި ފާހަގަ ކޮށްފަ އެވެ.

އާޒިމްގެ ގަރާރާ ދެކޮޅަށް ބަޔާން ނެރުނީ މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީންނެވެ.

މާޒިޔާ އިން ބުނެފައިވަނީ މިއީ ދިވެހި ސަރުކާރާއި އެފްއޭއެމުން ގުޅިގެން ރަނގަޅަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމުގެ ގޮތުން ކުރެވޭ ކަމެއްގެ ގޮތުގައި އެ ކްލަބުން ދެކޭ ކަމަށެވެ. އަދި މަޖިލީހަށް ހުށަހެޅުނު ގަރާރަކީ ކުޅުންތެރިންގެ މުސާރަ ނުދޭތީ އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް މައްސަލައާ ވެސް ގުޅުން ހުރި ކަމެއްކަމަށް މާޒިޔާ އިން ދެކެ އެވެ.

އީގަލްސްއިން ނެރުނު ބަޔާނުގައި ވެސް މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކޮށްފައިވާ އިރު އެކުލަބުން ބުނީ، މިކަމަކީ އެފްއޭއެމްއާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތަކާއި، މަސައްކަތްތައް ފަނޑުކޮށްލުމަށް ސިޔާސީގޮތުންނާއި، އަމިއްލަ މަސްލަހަތައް ކުރާ ކަމެއް ކަމަށެވެ. އަދި ފުޓުބޯޅަ ކުލަބުތަކާއި، ކުޅުންތެރިންގެ ހައްގުގައި އެ މަސައްކަތް ހުއްޓާލުމަށް ވެސް އެކުލަބުން ވަނީ މަޖިލީހަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބުން ނެރުނު ބަޔާނުގައި ވެސް ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، މިކަމުގެ ސަބަބުން ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ފުޓުބޯޅަ ކުޅެގެން އާއްމުދަނީ ހޯދަމުން އަންނަ ކުޅުންތެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަން އެކުލަބުން ވަނީ ހާމަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!