IruOnline

ކުރިއެކޭ އެއްގޮތަށް އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުންދާ ފެރީގެ ހިދުމަތް އަނެއްކާ ވެސް ފަށައިފި

ކޮވީޑް-19އާއި ގުޅިގެން ފެރީގެ ހިދުމަތް ދިނުމަށް ގެނައި ބަދަލުތަކަށް ފަހު، ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދޭން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފިއެވެ.

ކޮވިޑް-19ގެ ބަލި މާލެސިޓީން ފެނުމާއެކު އެމްޓީސީސީން ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެ ކުންފުނިން ދެމުން ގެންދިޔަ ހިދުމަތް މެދުކަނޑާލާފައެވެ. އެގޮތުން، ހާލަތަށް ރިޢާޔަތްކޮށް އެމްޓީސީސީން ވަނީ އެކި ފަހަރުމަތިން ފެރީ ދަތުރުތައް ރިވައިޒްކޮށް އާ ޝެޑިއުލްތަކެއް އާންމުކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްޓީސީސީން ވަނީ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށީގެ ފެރީ ގަޑިތައް ލޮކްޑައުންގެ ކުރިންވެސް ދޭ ގަޑިތަކުގައި ދިނުމަށް ހަމަޖެހިފައިވާކަން އާންމު ކޮށްފައެވެ. އަދި މުދާ އުފުލާ ފެރީގެ ގަޑިތައް ވެސް އެމްޓީސީން ވަނީ އާންމުކޮށްފައެވެ.

ޝެޑިއުލް ދަތުރުތަކަށް ބަލާއިރު، ވިލިމާލޭ ފެރީ ދަތުރުތައް އޮންނާނީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 5:45ން ފެށިގެންނެވެ. އެގޮތުން 24 ގަޑިއިރު ކޮންމެ 15 މިނެޓަކުން ފެރީ ދަތުރު އޮންނާނެއެވެ. ހުކުރު ދުވަހު އެންމެ ފަހު ފެރީ އޮންނަ ގަޑިއަކީ ދަންވަރު 3:15ގައެވެ.

ހުޅުމާލޭގެ ފެރީ ތާވަލަށް ބަލާއިރު، ހެނދުނު 6:00ގައި ފެރީގެ ހިދުމަތް ފަށާއިރު އެންމެ ފަހު ފެރީ އޮންނާނެ ގަޑިއެއްގެ ގޮތުގައި އެމްޓީސީސީން ބުނެފައިވަނީ، ރޭގަނޑު 23:30 ކަމަށެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!