IruOnline

ބޯޑަރު ހުޅުވޭއިރު، ޔޫރަޕުން ފަތުރުވެރިން އަންނަން ހުރަހެއް ނޯންނާނެ

ކޮވިޑް-19 ރޯގާގެ ސަބަބުން ބަންދުކޮށްފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެ ގައުމުތަކަށް އެތެރެވެވޭ ލިސްޓްގައި ރާއްޖެ ހިމެނިފައިނުވާތީ، އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވައިފިއެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، އީޔޫއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރު ވިދާޅުވީ، އީޔޫގެ ގައުމުތަކަށް ދަތުރުކުރެވޭނެ ކަމަށް އެ ޖަމާއަތުން ނިންމާފައިވާ 14 ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށެވެ.

ނަމަވެސް އެއީ އީޔޫގެ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން އޮތް ހުރަހެއް ނޫން ކަމަށް ސާބިރު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، އެއީ ރާއްޖެއިން އީޔޫގެ ގައުމުތަކަށް ދިޔުން މުޅިން މަނާކޮށްފައި އޮތްއޮތުމެއް ވެސް ނޫން ކަމަށެވެ.

ޞާބިރު ވިދާޅުވީ، އީޔޫގެ ނިންމުމަކީ، މުހިއްމު ދަތުރެއް ފިޔަވަފައި، އެހެން ދަތުރުތައް ޔޫރަޕަށް މިދުވަސްވަރު ނުކުރުމަށް ކޮށްފައިވާ އިލްތިމާސެއް ކަމަށެވެ.

ޞާބިރު ވިދާޅުވީ، މިވަގުތު ޔޫރަޕްގެ މީހުންނަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދައެއްނެތް ކަމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައި 15 ގައި ކަމަށްވާއިރު، އެހާ ހިސާބަށް ދާއިރު މިހާރު އީޔޫއިން ނިންމާފައިވާ ނިންމުމަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެގޮތުން ޞާބިރު ވިދާޅުވީ، އީޔޫއިން މިހާރު ނިންމާފައިވާ ނިންމުމަކީ ނުވަތަ ލިސްޓަކީ ކޮންމެ 14 ދުވަހަކުން ބަދަލުވަމުންދާނެ ލިސްޓެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލާއިރު، އީޔޫއަށް ދަތުރު ކުރެވޭ ލިސްޓުގައި ރާއްޖެވެސް ހިމެނޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރައްވާ ކަމަށް ޞާބިރު ވިދާޅުވިއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!