IruOnline

ރާއްޖޭގެ ބޯޑަރު ހުޅުވާނެ ދުވަސް އިއުލާނު ކުރުން ލަސް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

ރާއްޖޭގެ ބޯޑަރު ހުޅުވާނެ ދުވަސް އިއުލާނު ކުރުން ލަސް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ގުޅޭ ކޮމިޓީން މިއަދުބޭއްވި ބައްދަލުވުމުގައި އަލީ ވަހިދު ވިދާޅުވީ، ބޯޑަރު ހުޅުވާނެ ތާރީހާއި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އަސްލު މަންޒަރު ބޭރުގެ ގައުމުތަކަށް ޔަގީންކޮށްދިނީ ޖޫން 23 ގައި ކަމަށާއި މިހާރު ދުނިޔޭގެ ހާލަތަށް ބަލާއިރު އެއީ ލަސް ތާރީހެއް ނޫން ކަމަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާނީ މި މަހުގެ 15 ގަ އެވެ.

އަލީ ވަހީދު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ވެސް ރައްކާތެރި ފިޔަވަޅުތަކާ އެކު އެންމެ ފުރަތަމަ ބޯޑަރު ހުޅުވާ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

“އަޅުގަނޑުމެންގެ ގައިޑްލައިން ނިމިފައި ވަނީ ޑަބްލިއުއެޗްއޯ އާއި ޔޫއެންޑަބްލިއުޓީއޯގެ ޔުނިވާސަލް ގައިޑްލައިނާ އެއްގޮތަށް. ރާއްޖޭގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ކޮންވީނިއެންސް އާއި ސޭފްޓީގެ ބެލެންސެއް ގާއިމް ކުރުމަށް،” އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ބޯޑަރު އިއުލާނު ކުރުން ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރިސޯޓުތައް ހިންގާ ބައެއް ފަރާތްތަކުން ވެސް ވަނީ ރާއްޖޭގެ ބޯޑަރު އިއުލާނު ހުޅުވާލުމަށް ފަހުގައި ރިސޯޓުތަކަށް ޓޫރިސްޓުން ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބުނެފަ އެވެ. ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާ އިރު އެ ތާރީހުގައި ރާއްޖޭގެ އެންމެ މަޝްހޫރު ގިނަ ރިސޯޓުތަކެއް ނުހުޅުވަ އެވެ.

“ބޯޑަރު އިއުލާނު ކުރާ ދުވަސް ލަސްކުރީ ދެވަނަ ސާޖެއް އަޔަ ނުދިނުމަށްޓަކައި ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ކުރުމަށްޓަކައި،” އޭނާ ވިދާޅުވި އެވެ

ކޮމިޓީގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ، ބޯޑަރު ހުޅުވައިލާ އިރު ފޮރިން މިނިސްޓްރީއާ ގުޅިގެން ބޭރުގެ މިޝަންތަކާ އެކު ރާއްޖޭގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޗައިނާ އާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އެމެރިކާ ފަދަ ގައުމުތަކަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!