IruOnline

މެންބަރުންގެ އަނބި/ ފިރިން, ދަރިންގެ މާލީ ބަޔާން އާންމު ކުރަން ޖެހޭ: ޓްރާންސްޕޭރެންސީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަރިންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފައިއެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައި މިވަނީ، އިއްޔެ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހާމަކުރުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައިވާ ބައެއް މާއްދާތަކަށް ބަދަލުގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރިގޮތުން، މާލީ ބަޔާން ހުށަހެޅުމުގެ މަގްސަދު ހާސިލުކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. އަދި މިބަދަލުތަކަކީ އެ ޖަމިއްޔާއިން 26 ފެބްރުއަރީ 2020ގައި މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މުރާޖިއާ” ރިޕޯޓުގެ ހުށަހެޅުންތަކާ ހިލާފު ބަދަލުތަކެއްކަމަށްވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ބުނީ މާލީ ބަޔާން ހާމަކުރުމުގެ ހަރުދަނާ ނިޒާމެއްގެ ބޭނުމަކީ ސިޔާސީ ގޮތުން ބާރު ފޯރުވާ ފަދަ މަގާމުތަކުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުވުމާއި، ނުހައްގު މުއްސަނދިކަން ހުއްޓުވުމާއި ރިޝްވަތު ދިނުން ފަދަ އެހެނިހެން ފަސާދަ ހުއްޓުވުން ކަމަށެވެ. އެހެންކަމުން، މެންބަރުންގެ މާލީ ބަޔާން ހާމަކުރުމުގައި އަނބިން ނުވަތަ ފިރިން، އަދި ދަރިންގެ މާލީ ބަޔާން މިނިވަންކަމާއެކު ޔަގީން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކާއި ނުލައި އެބަޔާންތައް ހާމަ ނުކުރުމަކީ ފަސާދަ ހުއްޓުވުމަށް ކުރާ މަސައްކަތުގެ މަގްސަދު ހާސިލްކުރުމަށް އެޅޭނެ ހުރަހެއް ކަމަށެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން 21 ޖޫން 2020 ގައި ފާސްކޮށްފައިވާ “ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އަދި (ރ) އިސްލާހުކުރުމަށް ހުށަހަޅާފައިވާ ގޮތް އާންމު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް”ގެ 4.2 ވަނަ ނުކުތާގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ރިޕޯޓަށް ހަވާލާދީފައިވާ ކަމަށާއި އެ ނުކުތާގައި އެޖަމިއްޔާގެ ލަފަޔަށް ހަވާލާދިނުމުގައި އެރިޕޯޓުގައި ފާހަގަކޮށްފައިވަނީ “ވެބްސައިޓުގައި ޝާއިއު ކުރާއިރު މެންބަރުގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ހަމައެކަނި މެންބަރުންގެ މާލީ ބަޔާން ޝާއިއުކުރެވިދާނެ ކަމަށް ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ތާނަ ލެޓިން އިން ލިޔުއްވާ!